ވޮޝިންޓަން (ޖެނުއަރީ 12): އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ވަދާއީ ތަގުރީރުގައި އޭނާ ވަނީ އޭނާގެ ދެދަރިކަނބަލުންނަށް އިންތިހާއަށް ތައުރީފު ކުރައްވައިފަ އެވެ. ނަމަވެސް އަންގާރަ ދުވަހުގެ ރޭ އެތަގުރީރު ދެއްވި އިރު ހަގު ދަރިކަނބަލުން ސާޝާ އޮބާމާ ހާޒިރުވެފައި ނުވުމުން ގިނަ ބަޔެއްގެ މެދުގައި ވަނީ ސުވާލު އުފެދިފަ އެވެ.

އަންގާރަ ދުވަހުގެ ރޭ އޮތް ވަދާއީ ތަގުރީރުގައި އޮބާމާ ވަނީ އޭނާ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ހަތް އަހަރާއި ދިހަ އަހަރުގެ ކުޑަ ދެ ދަރިކަނބަލުން ފާއިތުވި އަށް އަހަރު ތެރޭގައި އޯގާތެރި އަދި ވިސްނުންތެރި ދެ އަންހެނުންނަށް ބަދަލުވެފައި ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ބަރަކް އޮބާމާ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މަލީއާގެ އުމުރުން 10 އަދި ސާޝާގެ އުމުރުން 7 -- ފޮޓޯ: އޭޕީ

"އަޅުގަނޑު ހަޔާތުގައި ކުރި ހުރިހާ މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑު އެންމެ ފަހުރުވެރި ވަނީ ތިޔަ ދެ ކުދިންގެ ބައްޕައަށްވުމުން،" އޮބާމާގެ އަސަރުގަދަ ތަގުރީރުގައި އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޝިކާގޯގައި އޮތް އޮބާމާގެ ވަދާއީ ތަގުރީރުން ސާޝާ ފެންނަން ނެތުމުން ގިނަ ބަޔަަކަށް ހައިރާންކަން ލިބި، "ސާޝާ ކޮބާ" ހޭޝްޓެގް ޓުވިޓާގައި ޓްރެންޑުވާން ފެށި އެވެ.

ވައިޓް ހައުސް އޮފިޝަލަކާ ހަވާލާދީ ޔާހޫ ނޫހުގައިވާ ގޮތުން ޝިކާގޯއަށް ވަޑައިނުގެން ވޮޝިންޓަން ޑީސީގައި މަޑުކުރައްވަން ސާޝާއަށް ޖެހުނީ އިއްޔެ އޭނާގެ ސްކޫލުގައި ޓެސްޓެއް އޮތުމުންނެވެ. ފަނަރަ އަހަރުގެ ސާޝާ ތައުލީމު ހާސިލު ކުރައްވަމުން ގެންދަވަނީ މީގެ ކުރިން ބިލް އަދި ހިލަރީ ކްލިންޓަންގެ ދަރިކަނބަލުން ޗެލްސީ ކްލިންޓަން ތައުލީމު ހާސިލުކުރެއްވި ސިޑްވެލް ފްރެންޑްސް ސްކޫލުންނެވެ.