އިނގިރޭސި ލީގް ކަޕް ސެމީފައިނަލް ފުރަތަމަ ލެގްގައި ރޭ ކުޅުނު މެޗު ސައުތުއެމްޓަން އަތުން 1-0ގެ ނަތީޖާ އަކުން ލިވަޕޫލް ބަލިވެ އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ސައުތްހެމްޓަންގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު އެޓީމްގެ ހަމައެކަނި ގޯލު 20 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ ނޭތަން ރެޑްމޮންޑް އެވެ.

ލިވަޕޫލަށްވުރެން ރަނގަޅަށް ސައުތުހެމްޓަން އިން ރޭގެ މެޗުގައި ކުޅުނުއިރު އެޓީމުން ވަނީ ނަތީޖާ އިތުރަށް ފުޅާ ކުރުމަށް ގިނަ ހަމަލާތަކެއް ލިވަޕޫލްގެ ގޯލަށް ފޮނުވާލާފަ އެވެ. ނަމަވެސް ސެޑްރިކް އާއި ރެޑްމޮންޑް ފޮނުވާލި ގިނަ ހަމަލާތަކެއް ވަނީ ލިވަޕޫލްގެ ޒުވާން ޖަރުމަނު ކީޕަރު ލޯރިސް ދިފާއުކޮށްފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔޫގެން ކްލޮޕް ބުނީ އެ މެޗުން އަދިި ގޮތެއް ނުނިންމޭނެ ކަމަށާއި އެންފީލްޑްގައި ކުޅޭ މެޗުގައި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދާނެ ކަމަށް ޔަގީން ކުރާ ކަމަށެވެ.

"ޓީމްގެ ފަރާތުން ފެނުނު ކުޅުމާއި މެދު އަހަރެން ހިތް ހަމައެއް ނުޖެހޭ. ހަމަ އެގޮތަށް ސައުތުހެމްޓަނުން ވެސް ހިތްހަމަ ޖައްސާލެވޭ ވަރުގެ ނަތީޖާއެއް ނޫން މިއަކީ. 2-0 ނުވަތަ 3-0 އިން މޮޅުވި ނަމަ އެމީހުނަށް ވެސް ހިތްހަމަ ޖައްސާލެވުނީސް،" ކްލޮޕް ބުންޏެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ، މި މަހުގެ 25 ވަނަ ދުވަހުގެ ރެ އެވެ.

ރޭގެ މެޗުން ލިވަޕޫލް ބަލިވެފައިވާ އިރު އެޓީމް ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ލިބޭގޮތް ނުވަފަ އެވެ. ލިވަޕޫލަށް ކުރިިއަށް އޮތީ ވެސް ވަރަށް ވަރުގަދަ މެޗެކެވެ. އަންނަ އާދިއްތަ ދުވަހުގެ ރެ ލީގްގައި ލިވަޕޫލުން ނިކުންނާނީ ވާދަވެރި މެންޗަސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.