ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓު، ހަތަރު މީހުންނާ އެކު އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ސްރީލަންކާގެ މަސްބޯޓެއްގެ ޚަބަރު ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް ސްރީލަންކާއިން އެދުމާ ގުޅިގެން މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އެ މަސްބޯޓު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުންދިޔަ ކަމަށެވެ.

އެގޮތުން، އެ މަސައްކަތުގެ ތެރެއިން، ކޯސްޓްގާޑު ޝިޕް ހުރަވީއަށް މި މަސްބޯޓު ފެނިފައި ވަނީ ރޭ ދަންވަރު 03:00 ހާއިރު ހދ. މަކުނުދޫގެ ހުޅަނގުން 153 ނޯޓިކަލް މޭލު ބޭރުުން އޮޔާދަނިކޮށެވެ.

ސިފައިން ބުނި ގޮތުގައި މި ބޯޓު ފެނުނުއިރު އޭގައި ހަތަރު މީހުން ތިއްބެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ދެރަ ނަމަވެސް، ދެން ތިބި ތިން މީހުންގެ ޙާލު ރަނގަޅެވެ.

އެ މަސްބޯޓު ހދ. ކުޅުދުއްފުއްޓަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން ދަނީ މިހާރު ދަތުރުކުރަމުންނެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް ކުޅުދުއްފުށީ ބަނދަރަށް ކައިރިކުރެވޭނީ މިރޭ 11:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.