އެކުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު، ރަންބީރު ކަޕޫރު އަދި ކެޓްރީނާ ކައިފް ވަކިވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ގުޅުން ނިމުމަކަށް އައިސް ދެމީހުންގެ މެދުގައި އުފެދުނު ހަނގުރާމަ އަދިވެސް ހަމައަކަށް ނޭޅެ އެވެ.

ދެމީހުންގެ ގުޅުން ނިމުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ހަމަގައިމު ވެސް ދެމީހުން އޭރު ކުޅެމުން އައި ފިލްމު 'ޖައްގާ ޖާސޫސް' އަށެވެ. ކެޓްރީނާ ރަންބީރު އާއެކު މަސައްކަތް ކުރަން ބޭނުން ނުވުމުގެ ސަބަބުން، ފިލްމުގެ ޝޫޓިން ނުނިމި، ދެ ފަހަރެއްގެ މަތިން ފިލްމު ރިލީޒް ކުރުން ވެސް ވަނީ ފަސްކޮށްފަ އެވެ.

ފިލްމު ނިމުން ލަސްވި ނަމަވެސް، މިހާރު މިވަނީ ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމައި، އަންނަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު ފިލްމު ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފަ އެވެ.

ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތްތަކަށް ތައްޔާރުވަމުން އަންނަ އިރު، ރަންބީރު އަދި ކެޓްރީނާގެ ދެމެދު އޮތް ނުތަނަވަސްކަމުގެ އަސަރު ޕްރޮމޯޝަންތަކަށް ވެސް ކުރާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓު ކުރާ ގޮތުން، ކެޓްރީނާ ވަނީ ރަންބީރާ އެކު ފިލްމު ޕްރޮމޯޓު ކުރަން ދެކޮޅު ހަދައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ކެޓްރީނާ އަދި ފިލްމުގެ މާކެޓިން ޓީމުން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޚަބަރުތައް ބުނާ ގޮތުން، ކެޓްރީނާ އާއެކު ޕްރޮމޯޝަން މަސައްކަތް ކުރުމަށް ރަންބީރުގެ އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް ފާރުވެފައިވާ ކެޓްރީނާގެ ހިތް އަދިވެސް މުޅިން ފަސޭހަ ނުވާކަމަށް ބެލެވެ އެވެ.

ރަންބީރު އަދި ކެޓްރީނާ ވަނީ އެކުގައި ހަތަރު ފިލްމެއްގެ މަސައްކަތް ކޮށްފަ އެވެ. އެއީ ކާމިޔާބު ފިލްމު "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ"، "ރާޖުނީތީ"، "ބޮމްބޭ ޓޯކީސް" އަދި "ޖައްގާ ޖާސޫސް" އެވެ.