12 Jan 2017, 09:09
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ބޭނުންވާ ހަކަތައިގެ ދެބައިކުޅަ އެއްބައި، އިޔާދަކުރުވަނިވި ހަކަތައަށް ހެދުމަށްޓަކައި، 163 ބިލިޔަން ޑޮލަރު އިންވެސްޓުކުރަން އެގައުމުން ނިންމައިފި އެވެ.
ހަތް އަމީރުން ބަލަހައްޓާ ހަތް އިމާރާތް (އެމިރޭޓު) ހިމެނޭ ޔޫއޭއީއަކީ، ގަލްފު ސަރަހައްދުގައި އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ގައުމެވެ. އެގައުމުން އަޒުމު ކަނޑައަޅާފައި ވަނީ، 2050 ވަނަ އަހަރު އައުމުގެ ކުރިން، އެގައުމުގައި އުފައްދާ ހަކަތައިގެ ދެބައިކުޅާ އެއްބަޔަކީ އިޔާދަކުރުވަނިވި ހަކަތަ ކަމުގައި ހެދުމަށެވެ.
އެގައުމުން ބުނެފައި ވަނީ، އެ ގައުމުގެ އިގްތިސާދީ ކުރިއެރުމާއި ތިމާވެށީގެ ގޮތުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް އެއްހަމައެއްގައި ގެންގުޅުމަށް އެދޭކަމަށެވެ.
ޔޫއޭއީގެ ބޮޑުވަޒީރު އަދި ދުބާއީގެ އަމީރު ޝައިޚު މުހައްމަދު ރާޝިދު އަލް މަކްތޫމް ވިދާޅުވީ އެގައުމުން އުންމީދުކުރަނީ 2050ގެ ކުރިން އެގައުމުގައި އުފައްދާ ޖުމްލަ ހަކަތައިގެ 44 ޕަސަންޓަކީ އިޔާދަކުރުވަނިވި ހަކަތަކަމުގައި ހެދުމަށް ކަމަށެވެ. އަދި ހަކަތައިގެ 38 ޕަސަންޓު ގޭހުން، ހަ ޕަސންޓު ނިއުކްލިއާ ބޭނުންކޮށްގެން، އަދި 12 ޕަސަންޓަކީ ގެއްލުން ކުޑަ ފޮސިލް ފިއުލުން އުފައްދާ ހަކަތަ ކަމަށް ހަދާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
"ހަކަތައާ މެދު ނުވިސްނާ މީހަކީ، މުސްތަގުބަލާ މެދު ވެސް ނުވިސްނާ މީހެއް،" އޭނާ ވިދާޅުވި އެވެ.
ޔޫއޭއީއަކީ އިޔާދަކުރުވަނިވި ހަކަތައާއި، ޚާއްސަކޮށް އަވިން ހަކަތަ އުފެއްދުމުގައި ވަރަށް ކުރީގައި އުޅޭ ގައުމެކެވެ. އޭގެ ތެރެއިން، ދުބާއީ އަދި އަބޫދާބީ މިހާރު ވެސް ވަނީ މިކަމުގައި ވަރަށް ބޮޑެތި ފިޔަވަޅުތަކެއް އަޅައިފަ އެވެ. ދުބާއީއިން ވަނީ، 2030ގެ ކުރިން ބޮޑު ސޯލާ ޕަވާ ޕްލާންޓެއް ހަދާނެކަން ހާމަކޮށްފަ އެވެ.
އަދި 2014 ވަނަ އަހަރު އަބޫ ދާބީގައި ވެސް ސޯލާ ޕަވާ އޮޕަރޭޝަން ސްޓޭޝަނެއް ހުޅުވައިފަ އެވެ. އެ ސްޓޭޝަނަކީ އޭރު މުޅި ދުނިޔޭގައި ވެސް ހުރި، އެފަދަ އެންމެ ބޮޑު ސްޓޭޝަނެވެ.