22 Jun 2011, 11:58
ވިހާފައި ގދ. ތިނަދޫ ގެއެއްގެ ގާރާޖުގެ ތެރެއަށް އެއްލާލައިފައި އޮތް ތުއްތު ފިރިހެން ކުއްޖާ ބޭނުންވެގެން ރަށުގެ 30 އަށް ވުރެ ގިނަ އާއިލާއިން އެދިފައިވާ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ
ކައުންސިލުގެ ރައީސް އަހުމަދު ނަސީރު މިއަދު ވިދާޅުވީ އެ ރަށު ހިއްކި ސަރަހައްދު ގެއެއްގެ ގަރާޖު ތެރެއަށް އެއްލާލާފައި އޮތް ކުއްޖާއާ ހަވާލުވެ، ގެންގުޅުމަށް އެ ރަށުގެ 30 އާއިލާއަކުން ކައުންސިލުގައި އެދިފައިވާއިރު ދެ އާއިލާއަކުން އެ ކުއްޖާ ބޭނުންވެގެން ރަސްމީ ކޮށް ކައުންސިލަށް ސިޓީ ވެސް ފޮނުވާފައިވާ ކަމަށެވެ.
"އެނޫނަސް ވަރަށް ގިނަ ބަޔަކު ކުއްޖާ ބޭނުންވާކަމަށް ވަނީ ބުނެފައި. ގެންގުޅެން ބޭނުވާ ކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވޭ، އޭގެ ތެރެއިން ކައުންސިލުގައި އެދުނީ 30 މީހުން . ދެ ފަރާތަކުން އެބައޮތް ސިޓީ ވެސް ފޮނުވާފައި،" ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުއްޖާ ހޯދަން އެދުނު ފަރާތްތަކަށް އަދި ޖަވާބެއް ދީފައި ނުވާނެ ކަމަށާއި އެކަމަށް ގޮތެއް ނިންމާނީ ކަމާބެހޭ މިނިސްޓްރީން ކަމަށެވެ.
"މިވަގުތު މިދަނީ މި މައްސަލައިގެ ތަހުގީގުގެ ބައި. އޭގެ ފަހުން ކުއްޖާ ބަޔަކާ ހަވާލު ކުރުމުގެ ކަންކަން ކުރިޔަށް ދާނީ، އެކަން ކުރާނީ ކަމާބެހޭ މިނިސްޓްރީއާއި ކައުންސިލުގެ މަޝްވަރާއިން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަދި ނަމެއް ކިޔާފައި ނުވާ ތުއްތު ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ކުއްޖާ ހޯދަން މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ވަރަށް ގިނަ އަދަދެއްގެ މީހުން އެ ކުއްޖާއަށް ތަފާތު އެހީތަކާއި ހަދިޔާ ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
"ކުޅޭ އެއްޗެއްސާ ހެދުމާ މިހެން ގޮސް އެވަރު ކުއްޖަކަށް ބޭނުވާނެ ސާމާނު އެކި ފަރާތްތަކުން ހަދިޔާ ކުރޭ،" އޭނާ ވިދާޅުވި އެވެ.