12 Jan 2017, 08:49
އެމިޝަން ޓެސްޓުތަކުގައި މަކަރުހެދި މައްސަލައިގައި، ޖަރުމަނުގެ ކާރު އުފައްދާ ކުންފުނި ފޯލްކްސްވާގެން އެމެރިކާގައި 4.3 ބިލިޔަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ. ފޯލްކްސްވާގެންއިން ވަނީ ޓެސްޓުތަކުގައި މަކަރުހެދިކަމަށް އިއުތިރާފުވެ، ޖޫރިމަނާ ދެއްކުމަށް އެއްބަސްވެފައެވެ.
ފޯލްކްސްވާގެންގެ ކާރުތަކުން ވައިގެ ތެރެއަށް ދޫކުރާ ގޭސް ނުވަތަ އެމިޝަންސްގެ ޓެސްޓު އެމެރިކާގައި ކުރި އިރު، ގޭހުގެ މިންވަރު ހުރީ ހުންނަން ޖެހޭ ވަރަށް ވުރެ މަތީގައެވެ. ނަމަވެސް ކާރުން އެ މިންވަރު ދައްކަނީ އޮޅުވާލައިގެންނެވެ. ޓެސްޓު ކުރާ ވަގުތު، އެ ނަތީޖާތައް އޮޅުވާލާ ސޮފްޓްވެއާއެއް ކާރުގައި ހުންނަކަން މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާއިން ވަނީ ފަޅާ އަރުވާލައިފައެވެ.
މި މައްސަލައިގައި، އެމެރިކާއިން ވަނީ ފޯލްކްސްވާގެން ކުންފުނި ޖޫރިމަނާކޮށްފައެވެ. އެގޮތުން، ޖިނާޢީ ކުށަކަށް އަރައިގަތުމުގެ ޖޫރިމަނާގެ ގޮތުގައި 2.8 ބިލިޔަން ޑޮލަރު، އަދި 1.5 ބިލިޔަން ޑޮލަރުގެ މަދަނީ ޖޫރިމަނާއާ އެކު ޖުމްލަ 4.3 ބިލިޔަން ޑޮލަރު ދެއްކުމަށް އެމެރިކާއިން ވަނީ އަންގައިފައެވެ.
އެމެރިކާގެ އެޓާނީ ޖެނެރަން ލޮރެޓާ ލިންޗު ވިދާޅުވީ، މިއީ އެމެރިކާގެ ތާރީޚުގައިވެސް، ވައި ނުސާފުކުރުވަނިވި އަމަލެއް ހިންގައިގެން އެންމެ ބޮޑު ޖޫރިމަނާއެއް ކުރެވުނު ފަހަރު ކަމަށެވެ.
ފޯލްކްސްވާގެން ގްރޫޕުގެ ސީއީއޯ މެތިއަސް މުލާ ވަނީ، އެކުންފުނީގެ އަމަލުތަކާ މެދު ހިތާމަކުރާ ކަމަށް ވިދާޅުވެފައެވެ.
އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި، ފޯލްކްސްވާގެން ކުންފުނިން މި އަމަލު ހިންގީ، އެކުންފުނީގެ ބައެއް އިސްވެރިންނަށް އެނގިގެންނެވެ. އެގޮތުން، ހަ މީހަކު ދެނެގަނެފައިވާ އިރު، ު ވަނީ މި ހަފްތާގައި ހައްޔަރުކޮށްފައެވެ. އެމެރިކާގެ ޑިޕާޓްމެންޓް އޮފް ފެޑަރަލް ޖަސްޓިސްއިން ތަހުގީގުކުރާ މި މައްސަލައަށް އެއްބާރުލުން ދިނުމަށް ފޯލްކްސްވާގެންއިން ވަނީ އެއްބަސްވެފައެވެ.
އެމިޝަންސްގެ މައްސަލަ ފެންމަތިވުމާ އެކު، ފޯލްކްސްވާގެންއިން ވަނީ، ޖޫރިމަނާކުރުން ފަދަ ކަންކަން ކުރިމަތިވާނެކަން އެނގި، އެކަންކަމަށް ޚަރަދުކުރުމަށޤ 19.2 ބިލިޔަން ޑޮލަރު ރައްކާވެސް ކޮށްފައެވެ. ނަމަވެސް އެމެރިކާގައި އެކުންފުނީގެ ކާރު ގަނެފައިވާ މީހުންނަށް ގެއްލުމުގެ ބަދަލު ދިނުމަށާއި، ތިމާވެށީގެ އިދާރާތަކަށް ދައްކަންޖެހޭ ޖޫރިމަނާގެ ގޮތުގައި 15 ބިލިޔަން ޑޮލަރު މިހާރުވެސް ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން، މިއަދު ކުރެވުނު 4.3 ބިލިޔަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމުން، އެކުންފުނިން އެކަމަށް ރައްކާކޮށްފައި ހުރި ފައިސާއަށް ވުރެ ވެސް އިތުރަށް ޚަރަދު ކުރެވުނީޢެވެ.
މި މައްސަލަ އެމެރިކާގައި ފެންމަތިވި އިރު، ވިލާތާއި ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގައި ހުރި ފޯލްކްސްވާގެންގެ ކާރުތަކުގެ ވެރިފަރާތްތަކަށް ވެސް ބަދަލު ދިނުމުގެ ކަންކަން އޮތީ ކުރިޔަށެވެ.