ވޮޝިންޓަން (ޖެނުއަރީ 11): ޑޮނަލްޑް ޓްރަމްޕްގެ އަގުވައްޓާލެވޭ ފަދަ މައުލޫމާތު ރަޝިއާއަށް ލިބިފައިވާ ކަމަށް ބުނާ ރިޕޯޓުތައް ޓްރަމްޕް ދޮގުކުރައްވައިފި އެވެ.

ރަޝިއާއިން އެމެރިކާގެ ރިޔާސީ އިންތހާބަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެމެރިކާގެ ޖާސޫސީ އިދާރާތަކުން އެކުލަވާލައި, ރައީސް ބަރަކް އޮބާމާ އަށާއި ޓްރަމްޕަށް ހުށަހެޅި ރިޕޯޓުގެ ބައެއް ކަމަށް ބުނާ މައުލޫމާތުތަކެއް ސީއެންއެން އާއި ބަޒްފީޑުން ވަނީ އާއްމުކޮށްފަ އެވެ. ތެދުކަން ޔަގީން ނުކުރެވޭ އެރިޕޯޓުގައިވާ ގޮތުން ރިޔާސީ ކެމްޕެއިން ތެރޭގައި ޓްރަމްޕްގެ ކެމްޕެއިނާއި ރަޝިއާގެ ލީޑާޝިޕާ ދެމެދު ވަނީ ތަކުރާރުކޮށް މައުލޫމާތު ބަދަލުކޮށްފަ އެވެ.

އަދި 2013 ވަނަ އަހަރު ޓްރަމްޕް މޮސްކޯއަށް ކުރެއްވި ދަތުރުފުޅެއްގައި، ކަސްބީ އަންހެނުންތަކަކާ އެކު ބޭއްވި ގުޅުމާ ބެހޭ ވީޑިއޯތަކެއް ރަޝިއާގެ ޖާސޫސީ އިދާރާތަކަށް ލިބިފައިވާ ކަމަށާއި، އެއީ ޓްރަމްޕް ބްލެކްމެއިލް ކުރަން ބޭނުން ކުރެވިދާނެ ފަދަ މައުލޫމާތުތައް ކަމަށް ރިޕޯޓުގައިވެ އެވެ.

ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ޓްރަމްޕް ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސުގައި އޭނާ ވަނީ އެއީ "ފޭކު ހަބަރެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި ރަޝިއާ އިން އޭނާއާ ދެކޮޅަށް އެއްވެސް މައުލޫމާތު ބޭނުންކޮށްފައި ނުވާ ކަމަށާއި އެފަދަ ފޭކް ހަބަރެއް "ލީކު"ވުމުގެ ފުރުސަތު އެމެރިކާގެ ޖާސޫސީ އިދާރާތަކުން ދީގެން ނުވާނެ ކަމަށް ޓްރަމްޕް އިއްޔެ ވިދާޅުވި އެވެ.

މީގެ އިތުރުން އެޕްރެސް ކޮންފަރެންސުގައި ޓްރަމްޕް ވަނީ 35 ސަފުހާގެ ރިޕޯޓުގެ ސްކޭން ކޮޕީއެއް އާއްމު ކުރި ބަޒްފީޑަކީ "ފެއިލްވަމުންދާ" ނޫހެއް ކަމަށާއި ސީއެންއެން އިން ދަނީ ބަޒްފީޑު ކުރިއެރުވުމަށް މަސައްކަތް ކުރަމުން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ޓްރަމްޕް ވަނީ "ފޭކު ހަބަރު" ލިޔާ ސީއެންއެންގެ ސުވާލަށް ޖަވާބު ނުދެއްވާނެ ކަމަށް ޕްރެސް ކޮންފަރެންސުގައި ވިދާޅުވެފަ އެވެ.

އޭގެ ފަހުން ސީއެންއެން އިން ވަނީ ބަޒްފީޑާ ހިލާފަށް ސީއެންއެން އިން ޕަބްލިޝް ކުރީ އިތުބާރު ކުރެވޭ ފަރާތްތަކަށް ހަވާލާދީ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.

ޓްރަމްޕްގެ އިތުރުން ރަޝިއާ އިން ވެސް ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ވަނީ އެއީ އެމެރިކާ އާއި ރަޝިއާގެ ގުޅުން ގޯސްކުރުމަށް ހަދަހަދައިގެން ދައްކާ ވާހަކަތައް ކަމަށް ވިދާޅުވެފަ އެވެ.

މިމަހުގެ 20 ވަނަ ދުވަހު ވެރިކަމުގެ ހުވާ ކުރައްވާނެ ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ވެރިކަމުގައި ރަޝިއާ އާއި އެމެރިކާގެ ގުޅުން ވަރުގަދަ ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރަޝިއާގެ ރައީސް ޕުޓިންގެ އަމުރުފުޅަށް އެގައުމުން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަން ފަޅާ އެރުމުންނާއި މިހާރު ރަޝިއާއާ ދެކޮޅަށް ފެންމަތިވެފައިވާ ތުހުމަތުތަކުގެ ސަބަބުން ޓްރަމްޕަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފަ އެވެ. (ބީބީސީ)