22 Jun 2011, 12:05
ކ. މާފުށީ ރަށު ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ ރައީސްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ، އޭނާގެ އިތުބާރު ނެތްކަމަށް މާފުށީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
މާފުށީ ކައުންސިލްގެ މެމްބަރަކު އަބުދުﷲ މުފީދު ހުށައެޅުއްވި ކުއްލި މައްސަލައަކާ ގުޅިގެން މިއަދު ނެގި ވޯޓްގައި ކައުންސިލްގެ ރައީސް މުސްތޮފާގެ އިތުބާރު ނެތްކަމަށް ތިން މެމްބަރުން ވޯޓް ދެއްވި ކަމަށް ކައުންސިލްގެ ނައިބު ރައީސް އަހުމަދު ނަޝީދު މިއަދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރަށު ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅީ ރައީސްގެ ފަރުވާކުޑަކަމުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ހުރަސް އެޅިފައިވުމާއި ރަސްމީ ދަތުރުތަކުގައި މާލެ ވަޑައިގަންނަވާ އިރު ކައުންސިލްގެ އެހެން މެމްބަރުންނަށް ނޭންގެވުން ފަދަ އެތައް މައްސަލަތަކެއް ހުރުމުން ކަމަށެވެ. އެގޮތުން ރަސްމީ ބޭނުމަށް 14 ދުވަހު މާލެ ވަޑައިގެންނެވި އިރު ކައުންސިލްގެ މެމްބަރުންނަށް އަންގަވައިގަވާފައި ވަނީ އެންމެ ހަތަރު ދުވަހުގެ ދަތުރެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އަދި ރަސްމީ ގަޑީގައި ވަޑައިގެން އޮފީހުގައި ނޫޅުއްވުމާއި ރައްޔިތުންނަށް ފައިދާ ހުރި ކަމެއް މެމްބަރަކު ހުށައެޅުއްވިޔަސް އެކަމެއް އެޖެންޑާ ނުކުރެއްވުން ވެސް އެއީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހުނު ސަބަބެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރަށު ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމާ ގުޅިގެން ރައްޔިތުންގެ ޝަކުވާ އެއްވެސް ވަރަކަށް ނާންނަ ކަމަށެވެ. އަދި ރައްޔިތުންގެ ރޫހު ހުރީ ވެސް އެކަމާ އެގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ ހަމަ އެއްވެސް ޝަކުވާއެއް އަދި ނުލިބޭ، ދެން ވޯޓްގައި އަޅުގަނޑުވެސް ހަމަ ބައިވެރި މިވީ ރައްޔިތުންގެ ވިންދަކީ ހަމަ އެއީ ކަމުގައި ވާތީވެ، " މާފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ނަޝީދު ވިދާޅުވި އެވެ.
މާފުށީ ކައުންސިލްގައި ތިއްބަވަނީ ޑީއާރުޕީއަށް ނިސްބަތްވާ ހަތަރު މެމްބަރުންނާއި އެމްޑީޕީގެ އެއް މެމްބަރެކެވެ. މިއަދު އިތުބާރު ނެތްކަމަށް ފާސްކޮށްފައިވާ ކައުންސިލްގެ ރައީސާއި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ނައިބު ރައީސަކީ ވެސް ޑީއާރުޕީއަށް ނިސްބަތްވާ މެމްބަރުންނެވެ. ނަމަވެސް ކައުންސިލްގައި އިންނަވާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވެސް ރައީސްގެ އިތުބާރު ނެތްކަމަށް ވޯޓް ދެއްވި ކަމަށް ނައިބު ރައީސް އަހުމަދު ނަޝީދު ވިދާޅުވި އެވެ.
މިއަދު އިތުބާރު ނެތްކަމަށް ފާސްކޮށްފައިވާ މުހައްމަދު މުސްތަފާ ވިދާޅުވީ މިއަދު އެ ރަށު ކައުންސިލުން ފާސްކުރި ފާސްކުރުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ވޯޓްގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފައި އެ ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވެ މާފުށީ ކައުންސިލްގެ ރައީސަކީ އަދި ވެސް އޭނާ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ މާފުށީ ކައުންސިލްގެ ރައީސަކީ އަޅުގަނޑު ކަމަށް، އަދި އަޅުގަނޑު ދިވެހިރާއްޖޭގެ ހުރިހާ އިދާރާތަކަށް ވެސް އަދި ސަރުކާރުގެ ހުރިހާ ވުޒާރާތަކަށް ވެސް ގޮވާލަނީ މާފުށީ ކައުންސިލްގެ ރައީސަކީ މުހައްމަދު މުސްތަފާ ކަމަށް،" މުސްތަފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއަދު މާފުށީ ކައުންސިލުން ނިންމި ނިންމުން އޭނާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
މުސްތަފާއާ ދޭތެރޭ މާފުށީ ކައުންސިލްގެ އެހެން މެމްބަރުން އެކުރައްވާ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިދާރީ މަސައްކަތްތައް ނުކުރާ ވާހަކަ ދައްކަވާ އިރު އިދާރީ މަސައްކަތްތަކަކީ އިދާރީ މުވައްޒަފުން ކުރަން ޖެހޭ ކަމެއް." މުސްތަފާ ވިދާޅުވި އެވެ.