11 Jan 2017, 15:36
ރާއްޖެ އެތެރެ ކުރަން އުޅުނު މަސްމަރާ ބަޑިތަކެއް، މޯލްޑިވްސް ކަސްޓަމްސްއިން ހިފަހައްޓައިފި އެވެ.
ކަސްޓަމްސްއިން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފައި ވަނީ މަސްމަރާ 21 ބަޑިއެވެ. އެތަކެތި ފެނިފައި ވަނީ ކަނޑުމަގުން ރާއްޖެ އައި ބޯޓަކުންނެވެ.
ކަސްޓަމްސް އިން ބުނީ އެ ބަޑިތަކަކީ ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް، ރާއްޖޭގެ ކުންފުންޏަކުން އެތެރެ އުކުރަން އުޅުނު އެއްޗެހި ކަމަށެވެ. އެތަކެތި ފެނިފައި ވަނީ މުދާ ކްލިއާ ކުރަނިކޮށް ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސްއިން އަތުލައިގަތް މަސްމަރާ ބަޑި: ކަސްޓަމްސް އިން ވަނީ 21 ބަޑި އަތުލައިގެންފައި-- ސަން ފޮޓޯ/ އަހުމަދު އާޒިފް
އެ ބަޑިތައް ގެނައި ބޯޓް ރާއްޖެ އައީ މިދިޔަ މަހުގެ 31ގައި ކަމަށާއި އެތަކެތި އެތެރެ ކުރަން އުޅުނު ހެދުންތަކެއް ކަމަށް ބުނެ، އޮޅުވާލައިގެން ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް އަހުމަދު ފަހީމް ވިދާޅުވީ މަސްމަރާ ބަޑިއަކީ ރާއްޖެ އަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ދަށުން ޚާއްސަ ހުއްދައެއް ލިބިގެން ނޫނީ ނުގެނެވޭނެ އެއްޗެއް ކަމަށެވެ.
"އެގޮތުން އަޅުގަނޑުމެން މި މުދާ ޗެކްކުރަމުން ގޮސްފައިވަނީވެސް އިންޓެލް މައުލޫމާތެއްގެ މައްޗަށް ބިނާކޮށް. އަޅުގަނޑުމެން މި މުދާ ފާސްކުރިއިރު އަޅުގަނޑު ފާހަގަކޮށްލަން މި މުދާ ކަސްޓަމަށް ޑިކްލިއާ ކުރެވިފައި ވަނީ ހަމައެކަނި ގާމެންޓްގެ ގޮތުގައި. 12 ދާގީނާ ހިމެނޭ މި ޝިޕްމަންޓް އަޅުގަނޑުމެންގެ އޮފިސަރުން ޗެކްކުރި އިރު އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ރާއްޖެއަށް އެތެރެކުރުން މަނާތަކެތީގެ ގޮތުގައި ހިމެނޭ 21 މަސްމަރާ ބަޑި ހިމެނިފައިވާކަން،" ފަހީމް ވިދާޅުވިއެވެ.
މަސްމަރާ ބަޑީގެ އިތުރުން ކަސްޓަމްސް އަށް ޑިކްލިއާނުކޮށް ހުރި މަކިޓާ ބްރޭންޑްގެ ޑްރިލް ހުރިކަން ފާހަގަކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށާއި ކަސްޓަމްސް އިން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށް ވެސް ފަހީމް ވިދާޅުވިއެވެ.