11 Jan 2017, 19:19
ގއ. ވިލިނގިލީގައި ކުޑަކުއްޖަކަށް ޖިންސީގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިހުރި މީހަކު ކޯޓުން ދޫކޮށްލުމުން އެކަމާ ހިތްހަމަ ނުޖެހިގެން އެރަށުގައި އިހުތިޖާޖު ކޮށްފި އެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު 'ސަން' އަށް ކިޔައިދިން ގޮތުގައި، ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މީހަކު ދޫކޮށްލުމުން މިއަދު މެންދުރު އިހުތިޖާޖެއް ކުރިއެވެ. އެއީ ސުލްހަވެރި އިހުތިޖާޖެއް ކަމަށްވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ ގާތްގަނޑަކަށް 150 މީހުން އެ އިހުތިޖާޖުގައި ބައިވެރިވި ކަމަށާއި، އިހުތިޖާޖު ކުރީ އެމީހާ ބަންދުން ދޫކުރި ސަބަބު ހޯދުމަށާއި، އެކަމާއިމެދު ރައްޔިތުންގެ ކިބައިގައި ހުރި ކަންބޮޑުވުން ހާމަކުރުމަށް ކަމަށެވެ.
ގއ. ވިލިނގިލީ ކައުންސިލްގެ ރައީސް ނިޔާޒް ނިޒާރު 'ސަން' އަށް ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މީހާ ދޫކޮށްލާފައިވަނީ މިމަހުގެ ނުވަަ ވަނަ ދުވަހު ކަމަށާއި، އެމީހާ އަކީ މީގެ ކުރިންވެސް އެފަދަ އަމަލެއް ކޮށްފައިވާ މީހެއް ކަމަށެވެ.
ހައްޔަރުގައި ބެހެއްޓުމަށްފަހު ދޫކޮށްލި މީހާގެ އާއިލާއިން މައުލޫމާތު ދިންގޮތުގައި، "އެމީހާ އަކީ މީގެ ކުރިންވެސް އެފަދަ އަމަލެއް ކޮށްފައިވާ މީހެއް" ކަމަށް ބުނެ އެ މީހާއާ ބެހޭގޮތުން ވިލިނގިލީ ކައުންސިލުން ދީފައިވަނީ ދޮގު މައުލޫމާތެކެވެ.
އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ އެމީހާ އަންހެން ކުއްޖާއާ ބެހުނު ކަމަށް ބުނާއިރު މިހާތަނަށް އެކުއްޖާގެ ބަޔާނެއް ތަހުގީގުން ނަގާފައިނުވާ ކަމަށެވެ. އަދި އެ ކުއްޖާ ޑޮކްޓަރަށް ވެސް ދައްކާފައިނުވާ ކަމަށް އޭނާ ބުންޏެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އެފަދަ މީހުން އެގޮތަށް މުޖުތަމައަށް ދޫކޮށްލުމުން މުޖުތަމައުއަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި އެކަމުގައި ރައްޔިތުން، ހާއްސަ ގޮތެއްގައި ޒުވާނުން ކަންބޮޑުވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ރަށުގެ ގިނަ ރައްޔިތުންތަކެއް މިއަދު ކައުންސިލް އިދާރާއަށް ހާޒިރުވެ އެމީހުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެ ކަންބޮޑުވުންތައް ކައުންސިލުން ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އެމީހާ ދޫކޮށްލީ ބަންދުގައި ބެހެއްޓުމަށް ކޯޓުން ދީފައިވާ 15 ދުވަހުގެ މުއްދަތު ހަމަވުމުން މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން މުއްދަތު އިތުރުކޮށް ނުދިނުމުން ކަމަށެވެ. ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހު ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހަމަ އެ ދުވަހު ކަމަށެވެ.