ބާރަ ވަނަަ އިންޓަ ރިސޯޓް ވޮލީ މުބާރާތުގައި އިއްޔެ ކުޅުނު ދެ ވަނަ މެޗް ކާމިޔާބުކޮށް ވަން އެންޑް އޮންލީ ރީތިރަށުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ޒުވާޏުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ކުޅުނު މެޗް، މުބާރާތުގެ އެނެމެ ފަހުގެ ޗެމްޕިއަން ރީތި ރަށަށް ކާމިޔާބުކުރީ ފުލްމޫން ރިސޯޓާއި ވާދަކޮށް ތިން ސެޓް އެއް ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ރީތި ރަށާއި ފުލްމޫންގެ ސެޓްތައް ދެ ޓީމުން ގެންގޮސްފައިވާގޮތަށް ބަލާއިރު، ފުރަތަމަ ސެޓް ރީތި ރަށުން ކާމިޔާބު ކުރީ 25-16 އިންނެވެ. ދެ ވަނަ ސެޓް 25-19 އިން ރީތި ރަށް ކާމިޔާބު ކުރިއިރު، ތިން ވަނަ ސެޓް 25-23 އިން ގެންދިޔައީ ފުލް މޫނެވެ. ފަހު ސެޓް ރީތިރަށުން ކާމިޔާބުކުރީ 25-13 އިންނެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ރީތިރަށުގެ އިހުޝާން މުޙައްމަދެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މުބާރަތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗްގައި މެންދުރު ފަހު 3:00 ޖަހާއިރު ބައްދަލުކުރާނީ ބަނޑޮހާއި ކޮންރެޑް މޯލްޑިވްސްއެވެ. ދެ ވަނަ މެޗްގައި ހަވީރު 5:00 ޖަހާއިރު ބައްދަލުކުރާނީ ތާޖް ރިސޯޓާއި ކުލަބް މެޑް ރިސޯޓެވެ.