11 Jan 2017, 10:04
ވޮޝިންޓަން (ޖެނުއަރީ 11): އެމެރިކާގެ ރައީސްގެ ގޮތުގައި ބަރަކް އޮބާމާ ދެއްވި އެންމެ ފަހު ތަގުރީރުގައި ޑިމޮކްރަސީ ދިފާއު ކުރަން އެ ގައުމުގެ ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.
އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސްގެ ގޮތުގައި 2008 ވަނަ އަހަރު ވެރިކަމަށް އިންތިހާބުވި އޮބާމާ އެންމެ ފަހު ތަގުރީރު ދެއްވީ ޝިކާގޯގައި ހުންނަ އުތުރު އެމެރިކާގެ އެންމެ ބޮޑު ކޮންވެންޝަން ސެންޓަރުގަ އެވެ. އެއީ 2012 ވަނަ އަހަރު ދެވަނަ ދައުރަކަށް އިންތިހާބު ވުމާ ގުޅިގެން ފުރަތަމަ ތަގުރީރު ދެއްވި ސިޓީ ވެސްމެ އެވެ.
އޮބާމާގެ ތަގުރީރުގައި އޭނާ ވަނީ ހުރިހާ ގޮތަކުން ބެލި ނަމަވެސް، މީގެ އަށް އަހަރު ކުރިއާ އަޅާ ބަލާއިރު އެމެރިކާއަކީ މިހާރު މާރަނގަޅު، މާ ވަރުގަދަ ގައުމެއް ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ގައުމުގެ ޑިމޮކްރަސީއަށް ރައްޔިތުން ސަމާލުކަން ނުދޭ ނަމަ ޑިމޮކްރަސީ ނެތިގެން ދިޔުމުގެ ނުރައްކާ އޮތް ކަމަށާއި އެހެންކަމުން، އެމެރިކާއިން ބޭރުން ގައުމަށް އޮތް ނުރައްކަލާ މެދު ސަމާލުވާ ފަދައިން، ރައްޔިތުންގެ އަމިއްލަ ގަބޫލު ކުރުންތަކަށް ވެސް ސަމާލުކަން ދޭންޖެހޭ ކަމަށް އޮބާމާ ވިދާޅުވި އެވެ.
އެމެރިކާގެ ޑިމޮކްރަސީއަށް އޮތް ތިން ނުރައްކަލުގެ ތެރޭގައި އިގުތިސާދީ ހަމަހަމަކަން ނެތުމާއި، ނަސްލީ ބައިބައިވުންތަކާއި، ތެދު ނޫން މައުލޫމާތަށް ބިނާކޮށްފައިވާ ހިޔާލުގެ ސަބަބުން މުޖުތަމައު ބައިބައިވުން ހިމެނޭ ކަމަށް އޮބާމާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އޮބާމާ ވަނީ ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުވުމަކީ އެމެރިކާގެ ޑިމޮކްރަސީގެ ވަރުގަދަކަން ދައްކުވައި ދޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
އޮބާމާ އަށް ފަހު ވެރިކަމަށް ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕް ވަނީ އޮބާމާގެ ބައެއް ސިޔާސަތުތައް އުވާލާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވެރިކަމުގެ ހުވާ ކުރައްވާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
އޮބާމާ ވެރިކަމުން އިސްތިއުފާ ދެއްވާއިރު، އޭނާއަކީ ރަނގަޅު ރައީސެއް ކަމަށް ގައުމުގެ 57 ޕަސެންޓް މީހުން ދެކޭ ކަމަށް އެޕީ އާއި އެންއޯއާރްސީން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓުން ދައްކަ އެވެ. (ބީބީސީ)