11 Jan 2017, 08:43
އިނގިރޭސި ވިލާތުގައި ނެރޭ، މާލީ ދާއިރާއާ ގުޅޭ މަޖައްލާ "ދަ ބެންކަރ"އިން، އޭޝިއާ ޕެސިފިކް ސަރަހައްދުގެ އެންމެ ރަނގަޅު ފިނޭންސް މިނިސްޓަރުގެ ޝަރަފު ،ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކައަށް އަރުވައިފިއެވެ.
ދަ ބެންކަރ މަޖައްލާއަކީ، މީގެ 90 އަހަރު ކުރިން ނެރެންފެށި، މާލީ ދާއިރާއާ ގުޅުންހުރި މަޖައްލާއެކެވެ. އެ މަޖައްލާއިން ކޮންމެ އަހަރަކުވެސް، ދުނިޔޭގެ ތަފާތު 5،000 ބޭންކެއް އިވޭލުއޭޓު ކުރެއެވެ.
އެ މަޖައްލާއިން ވަނީ، އޭޝިއާ ޕެސިފިކް ސަރަހައްދުގެ އެންމެ ރަނގަޅު ފިނޭންސް މިނިސްޓަރުގެ ޝަރަފު ލަންކާގެ ފިނޭންސް މިނސިްޓަރަށް އަރުވައިފައެވެ.
އެ މަޖައްލާގައި ބުނެފައިވނީ، ސްރީލަންކާގެ މާލީ ދާއިރާގައި ރަވީގެ ލީޑަޝިޕްގައި އެގައުމުގެ އިގްތިސާދު ހެޔޮ މަގަކުން ކުރިޔަށް ދާ ކަމަށެވެ. އެގޮތުން، އިގްތިސާދީ އިސްލާހުތަކާއި، އިގްތިސާދާ މެދު ރައްޔިތުންނާއި ސަރުކާރު ދެކޭ ގޮތް އިސްލާހުވެ، ރަނގަޅުވެއްޖެ ކަމަށް އެ މަޖައްލާއިން ބުންޏެވެ.
މީގެ އިތުރުން ފިސްކަލް ސިޔާސަތުގައިވެސް ރަވީގެ އިރުޝާދުގެ ދަށުން ސްރީލަންކާއިން ކުރިއެރުންތަކެއް ހޯދާފައިވާކަން އެ މަޖައްލާއިން ފާހަގަކުރެއެވެ. ދެހާސް ފަނަރަވަނަ އަހަރު ރައީސް ސިރިސޭނާގެ ސަރުކާރު ވެރިކަމަށް އައި އިރު މާލީ ވަޒީރުކަމަށް ރަވީ އައްޔަނުކުރެވުނު އިރު، އެގައުމުގެ ބަޖެޓު ޑެފިސިޓު އޮތީ ހަތް ޕަސަންޓުގައި ކަމަށާއި، ނަމަވެސް ޖެހިގެން އައި އަހަރު ބަޖެޓު ޑެފިސިޓު 5.4 ޕަސަންޓަށް ކުޑަކުރެވުނުކަން އެމަޖައްލާއިން ފާހަގަކޮށްފައިވެއެވެ.
އަދި މިއީ ލަންކާއިން އުންމީދުކުރި މިންވަރަށް ވުރެވެސް ރަނގަޅު މިންވަރެއް ކަމަށާއި، މިއީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށް ދަ ބެންކަރ މަޖައްލާޢިން ބުންޏެވެ.
އެ މަޖައްލާއިން އިތުރަށް ބުނެފައިވަނީ ސްރީލަންކާގެ ބެލެންސް އޮފް ޕޭމެންޓްސްގެ މައްސަލަތައް ހައްލުކުރުމަށާއި، ރިޒާވް މަތިކުރުމުގެ އިތުރުން އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރުމުގެ ގޮތުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން 1.5 ބިލިޔަން ޑޮލަރުގެ ލޯނެއް، ރަވީ ކަރުނާނަޔަކަ ސްރީލަންކާއަށް ހޯއްދަވައިދެއްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ ހިއްސާގެ ބާޒާރުތަކުގައި ސްރީލަންކާއިން 1.5 ބިލިޔަން ޑޮލަރުގެ އަގުބޮޑު ސޮވެރިން ބޮންޑެއް އިޝޫކުރި ކަމަށާއި، މިއީވެސް ލަންކާ ސަރުކަރުގެ މާލީ ސިޔާސަތު ތަންފީޒުކުރުމަށް ރަވީ ކަރުނާނަޔަކަ ކާމިޔާބުކަމާ އެކު ކުރެއްވި މަސައްކަތެއް ކަމަށް ދަ ބެންކަރއިން ބުނެއެވެ.