22 Jun 2011, 09:40
ނިޔުޔޯކް: އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ ދެވަނަ ދައުރަކަށް އެޖަމްޢިއްޔާގެ ޖެނެރަލް އެސެންބްލީން މިހާރުގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އިންތިޚާބުކޮށްފިއެވެ. މިކަމަށްޓަކައި ޖެނެރަލް އެސެންބްލީން އިއްޔެ ބޭއްވި ޖަލްސާގައި ބާންކީ މޫން ދެވަނަ ދައުރަކަށް ހޮވި ވަޑައިގަތީ އެއެސެމްބްލީގެ މެންބަރުންގެ އިއްތިފާޤުންނެވެ.
އދ. ގެ ސެކެރެޓަރީ ޖެނެރަލް ކަމުގެ މަޤާމުގައި 5 އަހަރުގެ އިތުރު ދައުރަކަށް ބާންކީ މޫން ދެމިހުންނެވުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ރުހުންދީފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
މިމަޤާމަށް އެހެން އެއްވެސް ބޭފުޅަކު މިފަހަރު ކުރިމައްޗެއްނުލައެވެ. އެއީ ބާންކީ މޫނަށް އޮތް ތާއީދުގެ ބޮޑުކަމުން ކަމަށް އދ. ގައި ތިއްބަވާ ޑިޕްލޮމޭޓުން ވިދާޅުވިއެވެ.
އދ. އަކީ ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއެކު އޭރު ދުނިޔޭގައި މިނިވަން ދައުލަތްތަކުގެ ގޮތުގައި ތިބި މަދު ދައުލަތްތައް ގުޅިގެން އުފެއްދި ޖަމްޢިއްޔާއެކެވެ. މިޖަމްޢިއްޔާގެ ޗާޓަރުގައި ދުނިޔޭގެ ޤައުމުތައް ސޮއިކުރީ 1945 ގައި އެމެރިކާގެ ސެންފްރަންސިސްކޯގައެވެ.
ބާންކީ މޫނަށް ބައިނަލްއަޤްވާމީ މަސްރަޙުގައި އެންމެ ބޮޑަށް ފާޑުކިޔެމުންދަނީ ކުދި އަދި ބާރުދެރަ ޤައުމަކުން ގޯސްކަމެއް ނޫނީ އިންސާނީ ހައްޤުތަކަ ޚިލާފު ޢަމަލެއް ހިންގާއިރަށް އެކަން ކުށްވެރި ކޮށް ބަޔާންތައް ދެއްވުމުގެ ހިތްވަރު ހުންނައިރު އެމެރިކާއާއި އިސްރާއީލާ އަދި ޔޫރަޕްގެ ޤައުމުތައްފަދަ ބާރާއި ނުފޫޒުހުރި ޤައުމުތަކުން ހިންގާ ކުށްތަކާއިި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ކުށްވެރި ކޮށް ބަޔާންތައް ދެއްވުމުގެ ހިތްވަރު އޭނާގެ ކިބާގައި ނުހުންނަ މައްސަލާގައެވެ.
ދެކުނު ކޮރެޔާގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ އުމުރުފުޅުން 67 އަހަރުގެ ބާންކީ މޫންއަކީ އދ. ގެ 8 ވަނަ ސެކްރެޓަރީ ޖެނެރަލްއެވެ. ބާންކީ މޫންއަކީ ވަރަށް ތަޖްރިބާކާރު ޑިޕްލޮމޭޓެކެވެ. ބާންކީ މޫން ދެވަނަ ދައުރާ ޙަވާލުވެ ވަޑައިގަންނަވާނީ 2012 ވަނަ އަހަރު ގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުއެވެ.
އދ. ގެ ސެކްެރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް މިހާތަނަށް އަންހެނަކު އިންތިޚާބު ކޮށްފައެއް ނުވެއެވެ. -- އަލްޖަޒީރާ