10 Jan 2017, 23:55
ޤުރުއާން ކިޔެވުމުގެ 31 ވަނަ ގައުމީ މުބާރާތުގެ ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ. މުބާރާތުގެ ވަނަތަކަށް އައި ފަރާތްތަކަށް އިނާމް ހަވާލުކޮށްފައިވަނީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
މިއަހަރުގެ މުބާރާތް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބާއްވާފައި މިވަނީ ބައިނަލްއަގްވާމީ މޮޑެލް އަކަށް ފަރުމާކޮށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުއެވެ.
އެގޮތުން މިއަހަރުގެ މުބާރާތް ބާއްވާފައިވަނީ އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށާއި ކުލަބު ޖަމިއްޔާތަކަށް ހުޅުވާލައިގެން ބައިވެރިވުމަށް ވަކި އުމުރުފުރައެއް ކަނޑައަޅާފައި އޮންނަ އޮތުން އުވާލުމަށްފަހުއެވެ.
އޭގެ ބަދަލުގައި މިއަހަރުގެ މުބާރާތުގައި އޮތީީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ކޮންމެ ގޮތްޕަކުން ތިން ކެޓަގަރީ އަކުން ބައިވެރިންނަށް ބައިވެރިވެވޭ ގޮތަށެވެ.

ގުރުއާން މުބާރާތުން ވަނައެއް ހާސިލްކުރި ދަރިވަރަކަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠުމަތު އިބްރާހީމް އިނާމު ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް
މީގެ އިތުރުން މުބާރާތުގައި އިންސާފު ކުރަން ނިންމާފައި ވަނީ، އަންހެން އަދި ފިރިހެން ވަކިންނެވެ. މުބާރާތުގެ ދެ ގޮފީގެ ކޮންމެ ބައެއްގައި އަންހެނުންނާއި ފިރިހެނުން ބައިވެރިވާއިރު މުބާރާތުގައި ބައިވެރިކުރުމަށް މަދުވެގެން ވަކި އަދަދެއް ކަނޑައަޅާފައެއް ނުވެއެވެ.
މިއަހަރުގެ މުބާރާތުގެ ފޮތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައިވަނީ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން މުބާރާތުގައި ބައިވެރިވި ރޯޒީވިލާ، ހއ. އިހަވަންދޫ، މުހައްމަދު އައިމަން އިބްރާހިމް އެވެ.
ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން، އަސާސް ވިނަނި އެންޑް އިޔާރުގެ ފަރާތުން މުބާރާތުގައި ތަމްސީލްކުރި މއ. ނާރެސް، އާލާ އަސްމަތު ޖަމީލާ އެވެ.
މީގެ އިތުރުން އެއްވަނަ ސިޓީ/ އަތޮޅު/ ޖަމިއްޔާއަކަށް ހޮވިފައިވަނީ އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން، އަސާސް ވިނަވި އެންޑް އިޔާރެވެ.
މި ހުރިހާ ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
ފޮތުން ކިޔެވުމުގެ ގޮފި
- މުހައްމަދު އަައިމަން އިބްރާހިމް/ ރޯޒީވިލާ، ހއ. އިހަވަންދޫ
- އާއިޝަތު އަފްނާން ޝަރީފް/ ރަބީއު، ށ. ކޮމަންޑޫ
- މަރްޔަމް ރީއަތް ހަމީދު/ މ. މަންޒިލުއްސައާދާ
ހިތުން ކިޔެވުމުގެ ގޮފިން
- އާލާ އަސްމަތު ޖަމީލް/ މއ. ނާރެސް
- ސުލްތާން މުހައްމަދު ލަތީފް/ ފެހިގެ، ދ. މީދޫ
- އާލާ އާދިލް/ މަޑިގެ، ގދ. މާތޮޑާ
މުޅި މުބާރާތުން
- އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން، އަސާސް ވިނަވި އެންޑް އިޔާރު (އިއްފަވި)
- އަޒޯޝް ޓްރެވަލްސް އެންޑް ޝިޕިންގް ޕްރައިވެޓް ލިމިޓެޑް
- މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
މިއަހަރުގެ މުބާރާތުގައި 32 ސެންޓަރަކުން 183 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އެއީ ހިތުން ކިޔެވުމުގެ ގޮފިން 52 ބައިވެރިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން 131 ބައިވެރިންނެވެ. އަދި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން މިއަހަރުގެ މުބާރާތުގައި 20 ބައިވެރިން ބައިވެރިވެ އެވެ.