10 Jan 2017, 16:55
ވޯލްޑް ޓްރެވަލް މާކެޓް ކަނެކްޓް އޭޝިއާ (ޑަބްލިއުޓީއެމް) ގައި ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ހުޅުވާލައިފިއެވެ.
ފުރަތަމަ ޑަބްލިއުޓީއެމް ކަނެޓް އެކްޒިބިޝަން ބާއްވާފައިވަނީ މިދިޔަ އަހަރު މޭ މަހުގައެވެ. ކާމިޔާބު އެގްޒިބިޝަނަކަށްފަހު މިއަހަރު މި އެގްޒިބިޝަން ބާއްވަން ހަމަޖައްސާފައިވަނީ މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހު ނިޔަލަށް މެލޭޝިއާގެ ޕިނާންގްގައެވެ. މިއީ މި އެގްޒިބިޝަން ބާއްވާ ދެވަނަ ފަހަރެވެ.
މާޓާޓޯއަކީ މިއަހަރުގެ އެގްޒިބިޝަންގެ ޕާޓްނަރެކެވެ. އެގޮތުން މިއަހަރުގެ މައުރަޒުގައި ދިވެހި ޓްރެވަލް މާކެޓުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާފައިވާއިރު، މި މައުރަޒުން ރާއްޖެއަށް ލިބިފައިވަނީ ހަ ސްލޮޓެވެ. އެހެންކަމުން މި މައުރަޒުގައި ބައިވެރިވެވޭނީ ދިވެހި ހަ ކުންފުންޏަކަށެވެ.
މި މައުރަޒުގައި އޭޝިއާ ސަރަހައްދުގެ ޓްރެވަލް މާކެޓުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާނެ އެވެ. މައުރަޒުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 30 ވަނަ ދުވަހެވެ.
ޑަބްލިއުޓީއެމްގެ ފުރަތަމަ މައުރަޒުގައި 1700 އަށްވުރެ ގިނަ މީޓިންތައް ބޭއްވި، ބައިވެރިވި ފަރާތްތަކުގެ 90 ޕަސެންޓު ތިބީ ހިތްހަމަޖެހިފައެވެ.