22 Jun 2011, 09:40
ރ. މީދޫ ރައްޔިތުންގެ އިންޖީނުގެއިން ރަނގަޅު ފެންވަރެއްގައި ރަށަށް ކަރަންޓް ދެމުން ދަނިކޮށް، ނޮދަން ޔޫޓިލިޓީސް ކުންފުނިން އެ ރަށުގައި އިންޖީނުގެއެއް ގާއިމްކޮށް ރަށުގެ ބައެއް ގޭގެ އަށް ކަރަންޓްދޭން ފެށުމުން ރަށުގައި ހަމަނުޖެހުން އުފެދި ރައްޔިތުންގެ ބަޔަކު މުޒާހަރާކޮށްފި އެވެ.
ރަށަށް ދެ ފަރާތަކުން ކަރަންޓްދޭ މައްސަލަ ހޫނުވެ އިއްޔެ ހަވީރު މީދޫގެ 200 ވަރަކަށް މީހުން ކުރި މުޒާހަރާއާ ގުޅިގެން ސަން އަށް މައުލޫމާތު ދެއްވަމުން މީދޫ ރަށު ކައުންސިލްގެ ރައީސް އަހުމަދު ނަސީމު ރޭ ވިދާޅުވީ ޔޫޓިލިޓީސް ކުންފުނިން މަސައްކަތް ކުރަމުން ދަނީ މީދޫގައި ހުރި ސަރުކާރުގެ ތަންތަން އެކުންފުންޏަށް ބަދަލުކުރުމަށް ކަމަށެވެ. އަދި ޔޫޓިލިޓީސް ކުންފުނީގެ މައްސަލަ މީދުގައި މިހާރު ބޮޑު އިޖުތިމާއީ މައްސަލައަކަށްވެފައީވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ އިންޖީނުގެއަކީ ރަނގަޅު ޖަނަރޭޓަރުތަކަކާ އެކު ރަނގަޅު ފެންވަރެއްގައި 2008 ވަނަ އަހަރު ގާއިމްކުރި އިންޖީނުގެއެއް. އެކަން އެހެން އޮއްވައި މި ރަށުގައި އަމިއްލަ ފަރުދަކު ހިންގަމުން އައި އިންޖީނުގެއަކާ ޔޫޓިލިޓީސް ކުންފުނިން ހަވާލުވީ،" މީދުގައި ޔޫޓިލިޓީސް ކުންފުނީގެ އިންޖީނުގެއެއް މީދުގައި ގާއިމްކުރި ގޮތް ކިޔައިދެއްވަމުން ނަސީމު ވިދާޅުވި އެވެ.
އިއްޔެ 200 ވަރަކަށް މީހުން ނުކުމެ މުޒާހަރާ ކުރީ ރަށުގެ ސިއްހީ މަރުކަޒަށް ރައްޔިތުންގެ އިންޖީނުގެއިން ދެމުން އައި ކަރަންޓް ކަނޑާލައި ޔޫޓިލިޓީސް ކުންފުނީގެ ކަރަންޓް އެތަނަށް ގުޅަން މަސައްކަތް ކުރުމުން ކަމަށް މީދޫ ރަށު ކައުންސިލުން ބުންޏެވެ.
"ސިއްހީ މަރުކަޒަށް ދީފައި ހުރި ރައްޔިތުންގެ އިންޖީނުގޭގެ ކަރަންޓް ކަނޑާލަން ބޭނުންވާ ކަމަށް ބުނެ، މީދޫ ރަށު ކައުންސިލަށް މީގެ ދެ ދުވަސް ކުރިން ސިޓީއެއް ލިބުނު. ދެން އަޅުގަނޑުމެން އެ ސިޓީގެ ޖަވާބުގައި ފޮނުވި ސިޓީގައި ސުވާލުކޮށްފައި އޮންނާނެ ކަރަންޓް ކަނޑާލަން ބޭނުންވަނީ ކީއްވެތޯ. އެސިޓީ އަށް އެއްވެސް ޖަވާބެއް ނުދީ އިއްޔެ ކުއްލިއަކަށް ކަރަންޓް ކަނޑާލަން އުޅުނީ. އެހެންވެ ރައްޔިތުންގެ ތެރެއިން ބަޔަކު އެކަމާ ދެކޮޅަށް ނުކުތީ،" ނަސީމު ވިދާޅުވި އެވެ.
ނަސީމު ވިދާޅުވީ ރަށުގެ އާއްމު ފަރުދަކު ހިންގަމުން އައި އިންޖީނުގެއާ ޔޫޓިލިޓީސް ކުންފުނިން ހަވާލުވުމުގެ ކުރިން ވެސް އެ އިންޖީނުގޭގެ ކަރަންޓް އެ ރަށުގެ 60 ވަރަކަށް ގެއިން ބޭނުން ކުރަމުން އައި ކަމަށެވެ. އަދި ޔޫޓިލިޓީސް ކުންފުނިން އެ އިންޖީނުގެއާ ހަވާލުވުމުން އޭގެ ތެރެއިން ބައެއް ގޭގޭގެ ކަރަންޓް ހިދުމަތް ރައްޔިތުންގެ އިންޖީނުގެއަށް ބަދަލުކުރި ކަމަށެވެ. ހަމަ އެގޮތަށް ރައްޔިތުންގެ އިންޖީނުގޭގެ ކަރަންޓް ބޭނުންކުރަމުން އައި ބައެއް ގޭގޭގެ ކަރަންޓް ޔޫޓިލިޓީސްގެ އިންޖީނުގެއަށް ވެސް ބަދަލުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މައްސަލައަކަށް ވެގެން މިއުޅެނީ ރަށުގެ ރައްޔިތުންގެ އިންޖީނުގެއިން ރަނގަޅު ފެންވަރެއްގައި، ހަމަ އެއް އަގެއްގައި ކަރަންޓް ދެމުން ދަނިކޮށް ސަރުކާރުގެ އިމާރާތްތަކުގެ ކަރަންޓްގެ ހިދުމަތަށް ޔުޓިލިޓީސް ކުންފުނިން ވެރިވެގަންނަން މަސައްކަތްކުރާތީ." ރަށު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ނަސީމު ވިދާޅުވީ އަމިއްލަ މީހަކު ހިންގި އިންޖީނުގެއަކާ ޔުޓިލިޓީސް ކުންފުނިން ހަވާލުވެ ރަށުގެ ބައެއް ގޭގެ އަށް ކަރަންޓްދޭން ފެށީ ރައްޔިތުންގެ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏަށް ބަދަލުކުރުމަށް ވާހަކަ ދެއްކުމަކާ ނުލަ އެވެ.