10 Jan 2017, 16:43
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުއްޓައި ހ. ހަންޑްރެޑް ފްލާވާސް ހުސައިން ރަޒީން (ރަބަރޭ) މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ރ ކަދޮޅުދޫ (މިހާރު ދުވާފަރު)، ފީރޯޒުގެ، އިބްރާހިމް އަބްދުއްރަހްމާންގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ދައުލަތުން އިބްރާހިމް އަބްދުއްރަހްމާންގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މަރެއް ފޮރުވުމާއި، ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރި ކަމުގެ ދައުވާ އެވެ.
އެ މައްސަލަ މާދަމާ 10:00އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.
ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އޭނާ އަކީ ރަބަރޭ މަރާލަން ހަރަދު މީހާ ކަމަށެވެ. މައްސަލައިގެ ތުހުމަތަށް އިބްރާހިމް އަބްދުއްރަހުމާން ހައްޔަރުކޮށްފައި ވަނީ 12 އޭޕްރީލް 2016 ގަ އެވެ.
ފުލުހުން ބުނެފައި ވަނީ އިބްރާހިމް އަބްދުއްރަހްމާންގެ ފޯނަށް ރަބަރޭ މަރާލުމަށްފަހު ވޭން ތެރޭގައި ނަގާފައިވާ ފޮޓޯތައް ވަގުތުން ފޮނުވާފައިވާ ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު ހެނދު ފޮޓޯ އަލުން ފޮނުވުމުން، ކުޑައިރުކޮޅެއްގެ ތެރޭގައި ރަބަރޭ މަރާލިކަމުގެ ތުހުމަތުގައި ސްރީލަންކާގައި ހައްޔަރުކޮށްފައިވާ ފިރިހެން މީހާގެ ބޭންކް އެކައުންޓަށް މާލެއިން އޭނާ ފައިސާ ޓްރާންސްފާ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ރަބަރޭ މަރާ ގުޅިގެން ސްރީލަންކާގެ ފުލުހުން ވެސް ވަނީ ބަޔަކު ހައްޔަރުކޮށްފަ އެވެ. އަދި ލަންކާ ފުލުހުން ވަނީ ގިނަ މައުލާމާތު ތަކެއްވެސް އާންމުކޮށްފަ އެވެ.
އެގޮތުން ރަބަރޭގެ މަރާގުޅިގެން ލަންކާ އިން ހައްޔަރުކުރި ބިލާލުއާ އިތުރަށް ސުވާލުކުރުމުން އެނގުނު ގޮތުގައި، އެ ވިޔަފާރިވެރިޔާ ރަބަރޭ މަރާލަން ބޭނުންވީ، އޭނާ އެ ވިޔަފާރިވެރިޔާގެ ކޮއްކޮ އަކު މަރާލާފައިވާ ކަމުގެ ތުހުމަތުގަ އެވެ. އަދި ރަބަރޭ މަރާލަން އެންމެ ފުރަތަމަ މަސައްކަތްކުރީ ވިޔަފާރިވެރިޔާ އަމިއްލަ އަށް ކަމަށާއި އެކަން ކާމިޔާބު ނުވުމުން ފައިސާދީގެން އެކަންކުރާން އޭނާ ނިންމީ ކަމަށް ލަންކާ ފުލުހުން ބުނެފައިވެ އެވެ.
ލަންކާ ފުލުހުންނާ ހަވާލާދީ، އެ ގައުމުގެ އޮންލައިން ނޫހެއް ކަމަށްވާ 'ސަންޑޭޓައިމްސް'ގައި ބުނެފައި ވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު ފަސް ވަނަ ދުވަހު ޕިލިއަންދަލާގެ ތަމްބޯވިލާ ބްރިޖް ކައިރީގައިވާ ދަނޑެއްގެ ތެރެއަށް މަރާލުމަށް ފަހު އެއްލާލާފައި އޮއްވައި ފެނުނު ރަބަރޭ މަރާގުޅިގެން ހައްޔަރުކޮށްފައިވާ އޭނާގެ ގާތް ރަހްމަތްތެރިއެއް ކަމަށްވާ ބިލާލް ނަމަކަށް ކިޔާ ދިވެއްސެއްގެ ފަރާތުން އެނގުނު ގޮތުގައި، ރަބަރޭ މަރާލުމަށް ދިވެހި ވިޔަފާރިވެރިއަކު އޭނާ އަށް 14 މިލިއަން ރުޕީސް ވަނީ ހުށަހަޅާފައި ކަމަށެވެ.