10 Jan 2017, 13:33
އިންޑިއާގެ އޮބްޒާވާ ރީސާޗް ފައުންޑޭޝަނާއި ޖަރުމަނުގެ ޒެއިޓް ސްޓިފްޓުންގް ޖަމިއްޔާ ގުޅިގެން ކޮންމެ އަހަރަކު ވެސް ބާއްވާ އޭޝިއަން ފޯރަމް އޮން ގްލޯބަލް ގަވަނެންސްގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ޓަކައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އާއިޝަތު ރަފިއްޔާ އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.
މި ފޯރަމަކީ، އޭޝިއާ ސަރަހައްދުގެ ގައުމުތަކުގައި ދިމާވާ މައްސަލަތަކާ މެދު ޒުވާން ޕްރޮފެޝަނަލް ލީޑަރުން މަޝްވަރާކޮށް، އެކަންކަމަށް ހައްލެއް ހޯދުމަށް ޓަކައި މަސައްކަތް ކުރުމުގެ މަގްސަދުގައި ކޮންމެ އަހަރަކު ވެސް ބާއްވާ ފޯރަމެކެވެ. މި ފޯރަމުގައި، އޭޝިއާ ސަރަހައްދުގެ ގައުމުތަކުން، އެކި ދާއިރާތަކުގައި މަަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވާ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ތައުލީމީ، ވިޔަފާރިވެރި އަދި ސިޔާސީ ގޮތުން ނަން މަޝްހޫރު ޝަޚުސިއްޔަތުތައް ބައިވެރިވެ އެވެ.
މިއަހަރުގެ އޭއެފްޖީޖީ ސަމިޓުގައި 26 ގައުމަކުން 41 ޒުވާން ލީޑަރުން ބައިވެރިވެ އެވެ. އެ ފަރާތްތައް ހަރަކާތްތެރިވާ ދާއިރާތަކުގެ ތެރޭގައި ސަލާމަތީ ދާއިރާ، ސިޔާސީ ދާއިރާ، ޚާރިޖީ ދާއިރާ، ތައުލީމީ ދާއިރާ، ވިޔަފާރިއާއި ބޭންކިންގް، މީޑިއާ އަިދ ނޫސްވެެރިކަން، އަދި މަދަނީ ޖަމިއްޔާތައް ހިމެނެއެވެ. މި ފޯރަމްގައި ބައިވެރިވާ ލީޑަރުންނަކީ ގައުމުތަކުގެ އިސްވެރިންނާއި ސަރުކާރުތަކުން ނޮމިނޭޓުކުރާ ފަރާތްތަކެކެވެ.
މި ފޯރަމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ރަފިއްޔާއަކީ ސިޔާސީ ދާއިރާގެ އިތުރުން، ބޭންކިންގްއާއި ވިޔަފާރީގެ ދާއިރާ އަދި މަދަނީ ޖަމިއްޔާތަކުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތެކެވެ. ރަފިއްޔާއަކީ އެސްޓީއޯގެ ބޯޑު މެމްބަރެއްގެ އިތުރުން، ބީއެމްއެލްގައި ވެސް މަސައްކަތް ފަރާތެކެވެ. އަދި އޭނާ ގެންދަވަނީ، ޒުވާނުން ބާރުވެރިކޮށް، ކުރިއެރުވުމަށްޓަކައި "ރީޖަނަލް އެލަޔަންސް ފޯރ ފޮސްޓަރިންގް ޔޫތު (ރަފީ)"ގެ ނަމުގައި ޖަމިއްޔާއެއްވެސް ހިންގަވަމުންނެވެ. އަދި އޭނާއަކީ މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކޮށްފައިވާ މެމްބަރެއް ވެސް މެއެވެ.
ދިހަ ދުވަހުގެ މުއްދަތަށް، އިންޑިއާގެ ނިއުދިއްލީގައި ކުރިޔަށްދާ އޭއެފްޖީޖީ ސަމިޓުގައި، އިންޑިއާއާއި އެހެން ގައުމުތަކުން، 30 އަށް ވުރެ ގިނަ ގެސްޓް ސްޕީކަރުން ތަގުރީރު ކުރައްވާނެ އެވެ.