10 Jan 2017, 13:27
ގދ. ހޯޑެއްދޫ ހޮރައިޒަން ފިޝެރީޒު ބަނދަރު ސަރަހައްދުގައި އޮތް ކަންނެލި ދޯންޏެއްގެ މައްޗަށް އެ ކުންފުނީގެ ކެރޭނެއް ވެއްޓިއްޖެ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
ހޯޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝިރާން މިއަދު 'ސަން' އަށް ވިދާޅުވީ، އިންޖީނު ހަލާކުވެގެން ބަނދަރުކޮށްފައި އޮތް އެ ދޯނި މައްޗަށް ކެރޭނު ވެއްޓިފައި ވަނީ މުދާތަކެއް އުފުލުމުގެ މަސައްކަތުގައި ކެރޭނު ބޭނުން ކުރަމުން ދަނިކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދޯންޏަކީ ލ. ގަމު "މިޔަވާލި" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ދޯނި މައްޗަށް ކެރޭނު ވެއްޓުމުގެ ސަބަބުން އެ ދޯނީގެ ފަހަތްކޮޅު އަޑިއަށް ގޮސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކެރޭން ވެއްޓެން ދިމާވީ އޭގެ ބްރޭކް ސިސްޓަމް ފެއިލް ވެގެން ކަމަށް ޑްރައިވަރު ބުނާ ކަމަށެވެ. އަދި އެ ހާދިސާ ހިނގި އިރު ކެރޭނު ދުއްވަން އިނީ ދިވެއްސެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝިރާން ވިދާޅުވީ ވެއްޓުނު ކެރޭނަކީ ހޮރައިޒަން ފިޝަރީޒް އިން ބޭނުން ކުރަމުންދާ ކެރޭނެއް ކަމަށެވެ.