ސައުދީ އަރަބިއްޔާގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅާ އާ އިންޓަނޭޝަނަލް ޕެސެންޖަރ ޓާމިނަލް އެޅުމުގެ އަމަލީ މަސައްކަތްތައް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ފަށާނެ ކަމަށް، އެއަޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

އާ އިންޓަނޭޝަނަލް ޓާމިނަލް އަޅާނީ މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލާ ދެކުނަށްވާ ސަރަހައްދަށެވެ. އެކަމަށްޓަކައި، އެދިމާލުން ކުރިމަތީގައި އޮތް ފަޅުގެ ސަރަހައްދު ވަނީ ނެރާ ދިމާލުން ހިއްކައިފަ އެވެ. އަދި މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ދެކުނުން މީގެ ކުރިން ހުރި ބޮންޑެޑް ވެއާހައުސްތައް ހުޅުމާލެއަށް ބަދަލުކޮށް، އަދި އެތަނުގައި ހުރި އެމްއޭސީއެލްގެ އިދާރީ އޮފީސްތައް، ހުޅުލޭގެ އިރުމަތީ ފަރާތުގައި އަލަށް ހެދި އިމާރާތްތަކަށް ވަނީ ބަދަލުކޮށް ނިންމައިފަ އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލްް މޫސާ މިއަދު ވިދާޅުވީ، މިހާރު ކުރިޔަށް ދަނީ، އެއާޕޯޓުގެ އާ ޓާމިނަލް އަޅާ ސަރަހައްދުގެ ބިންގަނޑުގެ ޓެސްޓުތައް ހެދުމުގެ މަސައްކަތް ކަމަށެވެ.

"މިއަހަރުގެ ދެވަނަ ކުއާޓަރު ފެށޭ ހިސާބުގައި، އަމަލީ މަސައްކަތްތައް ފެށިގެން ދާނެ،" އާދިލް ވިދާޅުވިއެވެ.

އާ ޓާމިނަލްގެ ޑިޒައިންގެ މަސައްކަތްތައް، ބިންލާދިން ގްރޫޕުން ވަނީ ނިންމައިފައެވެ.

މީގެ ކުރިން އާދިލް ވިދާޅުވެފައި ވަނީ މުޅި ޓާމިނަލް އަޅައި، ފުރިހަމަ ކުރުމަށް ތިން އަހަރު ދުވަސް ބޭނުންވާނެ ކަމަށާއި، މަސައްކަތް ކަމަށެވެ. ނަމަވެސް ޓާމިނަލްގެ މައިގަނޑު މަސައްކަތްތައް 2018 އަށް ނިންމަލެވޭތޯ މަސައްކަތް ކުރާނެ ކަމަށް އާދިލް މިދިޔަ އަހަރުގެ ތެރޭގައި ވިދާޅުވިއެވެ.

އާ ޓާމިނަލް އަޅަނީ 80،000 އަކަ މީޓަރުގެ ސަރަހައްދެއްގައެވެ.

އާ ޓާމިނަލް އެޅުމާ އެކު، މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބޭނުން ކުރާނީ ރާއްޖޭގެ އެތެރޭގެ އުދުހުންތައް އޮޕަރޭޓު ކުރުމަށް، ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގައެވެ.