22 Jun 2011, 08:38
އީރާނުގެ ނިއުކްލިޔަ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެންގެވި އެންގެވުމަކަށް އިސްރާއީލު ސިފައިންގެ އިސްވެރިންނާއި ކޮމާންޑަރުން މިދިޔަ އަހަރު ދެކޮޅު ހަދާފައިވާ ކަމަށް ދާދިފަހުން އިނގިރޭސިވިލާތުގައި ޝާއިއު ކުރެވުނު ކަމާބެހޭ ރިޕޯޓެއް ބުނެފައިވެ އެވެ.
މިރިޕޯޓާއި ޢަރަބި އަދި އިސްރާއީލުގެ މީޑިޔާގައި ޝާއިޢު ކޮށްފައިވާ މިކަމާބެހޭ ގިނަ ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ނިއުކްލިޔަ މަރުކަޒުތަކަށް ޙަމަލާދިނުމަށް އިސްރާއީލުގެ އިސްވެރިން ދެކޮޅު ހަދަނީ އެކަމުގެ ނުރައްކާ އެބޭފުޅުންނަށް އެނގޭތީ އެވެ.
އީރާނަކީ ބިމުގެ ގޮތުން ބޮޑު ޤައުމަކަށްވެފައި އީރާނުގެ ނިއުކްލިޔަ މަރުކަޒުތަކާއި ނިއުކްލިޔަ ލެބޯޓްރީ ތައް ގިނަވެފައި އެތަންތަން ހުންނަނީ އީރާނުގެ އެކިކަންކޮޅުތަކުގައި ކަމަށްވާތީ އީރާނަށް ހަމަލާ ދީގެން އެހުރިހާ ތަނެއް ހަލާކުކޮށްލުމަކީ އިސްރާއީލަށް ކުރެވޭނެ ކަމެއްނޫންކަން އިސްރާއީލުގެ ޢަސްކަރީ އިސްވެރިންނަށް ޤަބޫލުކުރެވުމަކީ އީރާނަށް ހަމަލާ ދިނުމަށް އެފަރާތްތަކުން ދެކޮޅުހަދާ އެންމެ ބޮޑު ސަބަބެވެ.
އީރާނަށް ހަމަލާދީގެން އިސްރާއީލު ބޭނުންވާ ނަތީޖާ ނުނެރެވުމުގެ އިތުރުން އީރާނަށް ހަމަލާދީފިނަމަ ދުރުރާސްތާގެ މިސައިލުން އިސްރާއީލުގެ އެކި ތަނަކަށް އީރާނުން އެތަށް ހާސް ހަމަލާއެއް ދޭނެކަމާއި މި ހަމަލާތަކުގައި އިސްރާއީލުގެ ބޮޑެތި ރައްތައް ފުނޑުފުނޑުވެ ސިނާޢީ މަރުކަޒުތަކާއި ނިއުކްލިޔަ މަރުކަޒު ހަލާކުވެދާނެ ކަމުގެ ބިރު އިސްރާއީލުގެ އަސްކަރީ އިސްވެރިން އިޙްސާސް ކުރައްވާ ކަމަށް މިކަމާބެހޭގޮތުން ޝާއިޢުކޮށްފައިވާ ގިނަ ރިޕޯޓްތަކުން ހާމަވެއެވެ.
އީރާނަށް ހަމަލާދީފިނަމަ ބަދަލު ހިފުމުގެ ގޮތުން އީރާނުން އިސްރާއީލަށް ދޭނެ ކަމަށް ބެލެވޭ ދުރުރާސްތާގެ މިސައިލް ޙަމަލާތައް އެތަށް މަހަކަށް ދިގުދެމިގެން ހިނގައިދާނެ ކަމަށާ އީރާނުގެ ރައްދު ޙަމަލާތައް ހުއްޓުވޭނެ ހަމައެކަނި ގޮތަކީ ނިއުކްލިޔަ ހަތިޔާރު ބޭނުންކުރުން ކަމަށްވާއިރު އީރާނާ ދެކޮޅަށް ފަނާކުރަނިވި ހަތިޔާރެއް ބޭނުންކުރުމަކީ އެކަމުގެ ނުރައްކަލުން ޚުދު އިސްރާއީލު ވެސް ސަލާމަތް ނުވާނެ ކަމަކަށްވާތީ މިއީވެސް ނެތް ޗޮއިސް އެއް ކަމަށް މުހައްލިލުން ދެކެވަޑައިގަންނަވަ އެވެ. އަނެއްކޮޅުން އީރާނުގެ ނިއުކްލިޔަ މަރުކަޒުތަކަށް އިސްރާއީލުން ކުޑަވެސް ހަމަލާއެއް ދީފިނަމަ މިހާރު ސިއްރުން ކުރާ ކަންކަން ދެން އީރާނުން ކުރާނީ ފާޅުގައި ކަމަށާ އެފަދަ ޙާލަތެއްގައި، އީރާނުން ނިއުކްލިޔަ ހަތިޔާރު އުފެއްދުން މެކުހަށް ޖަހައި ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮންޖެހުމަށްފަހު ފާޅުގައި ނިއުކްލިޔަ ހަތިޔާރު ތަޖްރިބާ ކުރާނެކަމަށް ވެސް އިސްރާއީލުގެ ޢަސްކަރީ ތަޖްރިބާކާރުން ދެކެވަޑައިގަންނަވައެވެ.
މިހެންދިމާވުމުން އެކަމުގެ މަލާމާތް ރައްދުވާނީ އިސްރާއީލަށް ކަމަށާ އީރާނަކީ ބޭރު ޤައުމަކަށް ބަރޯސާ ނުކުރާ، އަމިއްލަ ނަފްސަށް އިޢްތިމާދުކުރާ ޤައުމަކަށްވާތީ އީރާން ހުއްޓުވަން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަންވެސް އިސްރާއީލުގެ ތަޖްރިބާކާރުން ދެކެވަޑައިގަންނަވައެވެ.
މިކަމާބެހޭ ގޮތުން ތަޖްރިބާކާރުން ލިޔުއްވާފައިވާ ގިނަ ލިޔުންތަކާއި ރިޕޯޓްތައް ބުނާގޮތުން އީރާން ފަދަ ބޮޑު އަދި ޢަސްކަރީ ގޮތުން ބާރުގަދަ ޤައުމެއްގެ ނިއުކްލިޔަ މަރުކަޒުތައް ހަލާކުކޮށްލުމަކީ އިސްރާއީލުފަދަ ކުޑަ ޤައުމަކަށް ކުރެވޭނެ ކަމެއްނޫނެވެ. މިކަން އިސްރާއީލުގެ ޖާސޫސީ އިދާރާގެ އިސްވެރިންނާއި ސިފައިންގެ އިސް ކޮމާންޑަރުން ޤަބޫލު ކުރައްވައެވެ.
އިސްރާއީލަކީ ގިނަބަޔަކަށް ކުރިން ހީކުރެވިފައިވާފަދަ އާދަޔާ ޚިލާފަށް ބާރުގަދަ ޤައުމެއް ނޫންކަން 2005 ގައި ހިޒްބުﷲ އާ ދެކޮޅަށް ކުރި ހަނގުރާމައިންނާއި 2009 ގައި ޙަމާސް އާ ދެކޮޅަށް އިސްރާއީލު ކުރި ހަނގުރާމައިންވަނީ ދުނިޔެއަށް ހާމަވެފައެވެ. މިދެ ހަނގުރާމާގައި އިސްރާއީލުވަނީ ހިޒްބުﷲ އާއި ޙަމާސްގެ އަތްދަށުން ބަލިވެފައެވެ.
ނަތަނިޔާހޫ ފަދަ ހަރުކަށި ވިސްނުން ގެންގުޅޭ އިސްރާއީލުގެ ސިޔާސީ ބޭފުޅުން އީރާނަށް ހަމަލާ ދެއްވަން ވަރަށް ބޭނުންވެއެވެ. މިކަމަށް ނަތަނިޔާހޫފަދަ އިސްރާއީލުގެ ސިޔާސީ ހަރުކަށި ލީޑަރުން ބޭނުންވަނީ އެބޭފުޅުންގެ މޮޅުކަން ދައްކާލުމަށާއި އިސްރާއީލުގެ ޔަހޫދީންގެ ތާއީދު ހޯދައި ސިޔާސީ މުސްތަޤްބަަލު އިތުރަށް ފަހިކުރުމުގެ ސިޔާސީ ވިސްނުމުގައި ކަމަށްވާއިރު، އިސްރާއީލުގެ ޖާސޫސީ އިދާރާގެ އިސްވެރިންނާއި ސިފައިންގެ އިސް ކޮމާންޑަރުން ވިސްނަވަނީ ފަންނީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުންނެެވެ.
އަނެއްކޮޅުން އީރާނުން ނިއުކްލިޔަރ ބޮން އުފައްދަނީ އިސްރާއީލަށް ޙަމަލާ ދިނުމަށް ކަމަށް ވިދާޅުވެ އިސްރާއީލުގެ ހަރުކަށި ޚިޔާލުގެ ސިޔާސީ ލީޑަރުން ދައްކަވާ ވާހަކަތަކާއި ދެއްވާ ބަޔާން ތަކަކީވެސް އިސްރާއީލުގެ ޢަސްކަރީ އަދި ޖާސޫސީ ފަންނީ ގިނަ ފަރާތްތަކުން ޤަބޫލުކުރާ ކަމެއްނޫނެވެ.
ސަބަބަކީ އީރާންގެ ނިއުކްލިޔަ ޕްރޮގްރާމްގެ ޢަސްކަރީ ބޭނުމަކީ ނިއުކްލިޔަ އައްޑަނައެއް ބިނާކޮށްގެން ބޭރުގެ އެއްވެސް ފަރާތަކަށް އެޤައުމުގެ އަމްނާއި ނުކުޅެވޭނެ މިންވަރަށް އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ހޯދުންކަން އެބޭފުޅުންނަށްވެސް ޤަބޫލު ކުރެވޭތީއެވެ.
މީގެއިތުރުން އީރާނަކީ ނިއުކްލިޔަ ހަތިޔާރެއް އަތުޖެހޭއިރަށް އެ ބޭނުންކުރާނެ ފަދަ ވިސްނުންކުޑަ ޤައުމެއްނޫންކަން އެޤައުމުގެ ސުލޫކުން ސާބިތު ވެފައިވެއެވެ. އިސްރާއީލާ ޚިލާފަށް އީރާނަކީ އެޤައުމުގެ ފަހުގެ ތާރީޚުގައި އެއްވެސް ޤައުމަކަށް އިސްވެ ޙަމަލާދީ ހަނގުރާމަ ފަށާފައިވާ ޤައުމެއްނޫނެވެ.
ނަމަވެސް އީރާނަށް ނިއުކްލިޔަ ހަތިޔާރު ޙާސިލް ކުރެވުމުން މެދުއިރުމަތީގައި އިސްރާއީލަށް ލިބިފައިވާ ނިއުކްލިޔަ މޮނޮޕޮލީ ގެއްލި އިސްރާއީލަކީ އެސަރަޙައްދުގައިވާ އެންމެ މޮޅު އަދި އެންމެ ބާރުގަދަ ޤައުމު ކަމަށްވުމުގެ ޙައިޘިއްޔަތު ގެއްލިގެންދާނެއެވެ.
އަދި އަވަށްޓެރި ޤައުމުތަކަށް ބިރުދައްކައި އެޤައުމުތަކަށް އިސްވެ ޙަމަލާދީ ހަނގުރާމަކުރުމުގައި އިސްރާއީލު ގެންގުޅޭ ޢުދުވާނީ ސިޔާސަތު ތަންފީޒުކުރަންވެސް މިކަމުގެ ސަބަބުން އިސްރާއީލަށް އުނދަނގޫ ވެގެންދާނެއެވެ. އަދި ފަލަސްތީނުގެ މައްސަލާގައިވެސް ބައިނަލްއަޤްވާމީ ޝަރްޢިއްޔަތަށް ރުޖޫޢަވުމަށާއި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް މިފަދަ ޙާލަތެއްގައި އިސްރާއީލަށް ވަރަށްބޮޑު ފިއްތުންތަކެއް ކުރިމަތިވެގެންދާނެއެވެ.
1981 ވަނަ އަހަރު ޢިރާޤުގެ ނިއުކްލިޔަ މަރުކަޒުތަކަށް ޙަމަލާ ދީ އެތަން ހަލާކުކޮށްލުމުގައި އިސްރާއީލަށް ކާމިޔާބު ލިބިފައިވެއެވެ. އިސްރާއީލުގެ މިޙަމަލާ ކާމިޔާބުވީ ޢިރާޤުގެ ހުރިހާ ނިއުކްލިޔަ ލެބޯޓްރީ ތަކެއް އެއް ހިޔާވައްސެއްގެ ދަށުގައި ހުރުމުންނެވެ. މިކަމުން ތަޖްރިބާ ޙާސިލްކޮށްގެން އީރާނުން ނިއުކްލިޔަރ މަރުކަޒުތައް ބިނާކޮށްފައިވަނީ އެޤައުމުގެ އެކިކަންކޮޅުތަކުގައެވެ. އެއްތަން އަނެއްތަނާ އެތަށް ސަތޭކަ މޭލެއް ދުރުގައެވެ. މީގެ އިތުރުން އީރާނުގެ ޢަސްކަރީ ނިއުކްލިޔަ މަރުކަޒުތައް ބިނާކޮށްފައިވަނީ ހިލަފަރުބަދަތަކުގެ އަޑީގައި ކަމަށާ ނިއުކްލިޔަރ ހަތިޔާރުން ނޫނީ އެތަންތަން ހަލާކުކޮށް ނުލެވޭނެ ކަމަށް ތަޖްރިބާކާރުން ބުނެއެވެ.
އިސްރާއީލުގެ ޖާސޫސީ އިރާދާ "މޫސާދް" ގެ ކުރީގެ ވެރިޔާ މައީރު ދަޣާން ދާދިފަހުންވަނީ އީރާނަށް ހަމަލާދިނުމަކީ އިސްރާއީލަށް ނުރައްކާޥާނެ ކަމެއް ކަމަށް ވިދާޅުވެ އެކަން ނުކުރުމަށް ގޮވާލައްވައި ދެފަހަރެއްގެ މަތިން ވާހަކަ ދައްކަވާފައެވެ. އީރާނުގެ ޢަސްކަރީ ޕްރޮގްރާމް ހުއްޓުވުމުގެ ޤާބިކަން އިސްރާއީލުގެ ކިބާގައި ނެތްކަަމަށްވެސް މިދިޔަ މަހު ދެއްވި ބަޔާނެއްގައި ދަޣާން ވިދާޅުވެފައިވެއެވެ.
އިސްރާއީލުގެ ޢަސްކަރީ އެންމެ ވަރުގަދަ ޝަޚްސިއްޔަތު ކަމަށް ސިފަކުރެވޭ އެޤައުމުގެ ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް ގެބީ އެޝްކިނާޒީ ވެސްވަނީ އީރާނަށް ހަމަލާ ދިނުމަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވެ ދާދިފަހުން ވާހަކަ ދައްކަވާފައެވެ.
ކަންތައްތައް މިހެން އޮތުމުން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ކުރިމަތިލުމުގައި އިސްރާއީލު މިހާރު ހިންގަމުން ގެންދަނީ ކޮންޕިއުޓަރ ވައިރަސްތައް ފޮނުވުމާއި އީރާނުގެ ނިއުކްލިޔަ ސައެންޓިސްޓުން މެރުންފަދަ ޓެރަރިސްޓް ޙަރަކާތްތައް ކަމަށްވެސް ރިޕޯޓްތައް ބުނޭ.
ވޭތުވެދިޔަ ތިންއަހަރު ތެރޭގައި މަރާލެވިފައިވާ އީރާނުގެ ނިއުކްލިޔަ ދެ ސައެންޓިސްޓެއްގެ މަރުގެ ފަހަތުގައިވަނީ އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދް" ކަމަށް އީރާނުން ތުހުމަތުކުރޭ. – އަލްޖަޒީރާ، ބީބީސީ، އަލްޢާލަމް