10 Jan 2017, 12:41
މިއަހަރުގެ ޖަނަވަރީ މަހުގެ އެޑެކްސެލް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނުގައި ރާއްޖޭން 3200 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެއްޖެ އެވެ.
މިއީ ރާއްޖޭގައި އޭލެވަލްއަށް ކިޔަވާ ދަރިވަރުންގެ ތެރެއިން ޖެނުއަރީ މަހުގެ އިމްތިހާނު ހަދާ އެންމެ ފަހު ބެޗުގެ ދަރިވަރުންނެވެ.
ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނީ، އިއްޔެ ފެށި އެޑެކްސެލް އޭލެވެލް އިމްތިހާނުގައި މުޅި ރާއްޖެއިން ޖުމްލަ 37 ސެންޓަރަކުން 3219 ދަރިވަރަކު ބައިވެރިވާ ކަމަށެވެ. އެއީ 3072 ސްކޫލް ކެނޑިޑޭޓުންނާއި 147 އަމިއްލަ ކެނޑިޑޭޓުންނެވެ.
ޑީޕީއީން މައުލޫމާތުދޭ ގޮތުގައި، މި ފަހަރުގެ ޖެނުއަރީ މަހުގެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަކީ 2015 ވަނަ އަހަރުގެ މެއި/ޖޫން ގައި ގުރޭޑް 11 އަށް ކިޔަވަން ފެށި ދަރިވަރުންނާއި އަދި މިދިޔަ އަހަރުގެ މާޗް މަހު ގްރޭޑް 11 އަށް ކިޔަވަން ފެށި ދަރިވަރުންނެވެ.
މި އިމްތިހާން މި މަހުގެ 26 ވަނަ ދުވަހާއި ހަމައަށް ދެމިގެން ދާނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ، ކުރިން މެއި/ޖޫންގައި ބާއްވަމުން އައި އެޑެކްސެލް އޭލެވެލް އިމްތިހާނާއި ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެޗްއެސްސީ) އިމްތިހާން އަހަރުގެ ފަހުކޮޅު ބާއްވާގޮތަށް ހަމަޖައްސައި، މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު ގައި ބޭއްވި އޯލެވެލް އައިޖީއެސްސީ އަދި އެސްއެސްސީގެ އިމްތިހާނާއެކު އޭލެވެލްގެ އިމްތިހާނު ފުރަތަމަ ފަހަރަށް ކުރިއަށް ގެންގޮސްފައިވެ އެވެ.
އެ ބަދަލުގެ ދަށުން މެއި/ޖޫން އޭލެވެލް އިމްތިހާން އެންމެ ފަހުން ހަދާނީ މި އަހަރު އެވެ.
އޯލެވެލް އިމްތިހާން އާއެކު އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނު ބާއްވާ ގޮތަށް ނިންމީ އޯލެވެލް ހެދުމަށްފަހު އޭލެވެލްއަށް ކިޔަވަން ފެށުމާ ދޭތެރޭ ގިނަ މަސްތަކެއް ހޭދަވާތީ އެވެ.