ޕާކިސްތާނުގެ ސަބްމެރިންއަކުން ފުރަތަމަ ފަހަރަށް ކްރޫޒް މިސައިލެއް ޓެސްޓްކޮށްފި ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

ބީބީސީ އިން މިއަދު ބުނީ ބަބުރް-3ގެ ނަން ދީފައިވާ އެެ މިސައިލަކީ 450 ކިލޯ މީޓަރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ އަދި ނިއުކްލިއާ ވޯހެޑް ވެސް އުފުލުގެ ގާބިލްކަން ލިބިފައިވާ އެއްޗެއް ކަމަށް، ޕާކިސްތާނުގެ އަސްކަރިއްޔާގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ އިން ބުންޏެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވިދާޅުވީ، އެ ޓެސްޓުން އެނގެނީ ޕާކިސްތާނަކީ ޓެކްނޮލޮޖީގެ ގޮތުން ޕާކިސްތާނު ކުރިއަރައިދާ މިންވަރު ކަމަށާއި އަދި ގައުމުގެ އަމިއްލަ ދިފާއު ވަރުގަދަވަމުން އަންނަވަރު ކަމަށެވެ. ނަމަވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ، އެ ޓެސްޓާ އެކު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ގޯސްވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އިނގިރޭސީންގެ އަތްދަށުން 1947 ވަނަ އަހަރު މިނިވަންވުމަށް ފަހު، އިންޑިއާ އާއި ޕާކިސްތާނުން މިހާތަނަށް ތިން ހަނގުރާމައެއްކޮށްފައިވެ އެވެ. އަދި ދެ ގައުމުން ވެސް ދަނީ މިސައިލްތައް އުފައްދަމުންނެވެ. އަދި ދެ ގައުމަކީ ވެސް 1998 ވަނަ އަހަރު ނިއުކުލިއާ ގާބިލުކަން ހޯދާފައިވާ ދެ ގައުމެމެވެ.

އަދި އިންޑިއާ އިން ވަނީ 2013 ވަނަ އަހަރު ސަބްމެރިންއަކުން ކްރޫޒް މިސައިލެއް ކާމިޔާބުކަމާ އެކު ޓެސްޓްކޮށްފަ އެވެ.

ޕާކިސްތާނުގެ ޓެސްޓާ ގުޅޭ ގޮތުން އިންޑިއާއަކުން އަދި އެއްޗެއް ނުބުނެ އެވެ.

ޕާކިސްތާނުން މިސައިލް ޓެސްޓް ކުރީ އިންޑިއާ ކަނޑުގަ އެވެ. ނަމަވެސް އެއީ ކޮން ސަރަހައްދަކުން ކަމެއް އާންމެއް ނުކުރެ އެވެ.