މިދިޔަ ރޯދަ މަހު ދިވެހި ރައްޔިތުންނަށް ސައުދިއަރަބިއްޔާއިން ހަދިޔާކުރި ކަދުރު ރައީސްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހިންގަވާ ސޮދަގާތް ފައުންޑޭޝަނުން ބެހި ބެހުމުގައި ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް އެންޓީކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.

އެމްޑީޕީން އޭސީސީއަށް ހުށަހެޅި މައްސަލަ ނިންމައި އޭސީސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސައުދީން ފޮނުވި 50 ޓަނުގެ ކަދުގެ ތެރެއިން 500 ފޮށީގެ ކަދުރު ފިނޭންސް މިނިސްޓްރީން މުލިއާގެއާ ހަވާލުކުރީ ދަރުމައަށް އެތަކެތި ބެހުމަށް މުލިއާގެއިން ޝައުގުވެރިކަން ފާޅުކުރުމުން ކަމަށެވެ.

"މިކަން މި ގޮތަށް ކޮށްފައި ވަނީ އަވަހަށް ރައްޔިތުންނަށް ކަދުރު ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް މިކޮމިޝަނަށް ފާހަގަކުރެވިފައިވެ އެވެ. އެހެންކަމުން، އެކަން އެގޮތަށް ކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމެއް ކޮށްފައިވާކަން އެނގެން ނެތުމުން، އެ މައްސަލައަކީ ކޮރަޕްޝަން އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނަޑައަޅައި މި ކޮމިޝަނުން އެ މައްސަލަ ނިންމާފައި،" އޭސީސީއިން ބުންޏެވެ.

ރައްޔިތުންނަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ސަރުކާރަށް ލިބޭ ތަކެތި ރައްޔިތުންގެ މެދުގައި މަސްލަހަތު ގެއްލޭ ގޮތަށް ޢަމަލު ކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާތީ، ކުރިޔަށް އޮތްތަނުގައި އެފަދަތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވަކިވަކި އޮފީސްތަކާ ނުވަތަ ޖަމްޢިއްޔާތަކާ ހަވާލުކުރާނަމަ، އެކަންކުރާނެ ހަރުދަނާ އުސޫލެއް ކަނޑައެޅުމަށް އޭސީސީން ވަނީ ފިނޭންސް މިނިސްޓްރީއަށް އަންގާފަ އެވެ.

ފިނޭންސް މިނިސްޓްރީން މުލިއާގެއާ ހަވާލުކުރި 500 ކަދުރު ފޮށި އެކިއެކި ހަރަކާތްތަކުގެ ތެރެއިން ބަހާފައި ވަނީ ސޮދަގާތް ފައުންޑޭޝަނުންނެވެ. އެތަކެތި ބަހައްޓާފައި ހުރީ ޖަނަވަރީމަގުގައި ހިންގާ ރައީސް ޔާމީން 2018 އޮފީހުގަ އެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެ އަށް ހަދިޔާކުރި 50 ޓަނުގެ ކަދުރަކީ މުސްލިމް ދެ ގައުމެއްގެ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. ނަމަވެސް އެ ކަދުރުގެ މައްސަލައިގައި ދިވެހިންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުޅޭތީ އެކަމާ ހިތާމަކުރާ ކަމަށް ބުނެފައިވެ އެވެ.

ސައުދީ އެމްބަސީން ބުނީ، މުޖުތަމައުގައި އުޅޭ ފަގީރުންނާއި އެހީއަށް ބޭނުންވެފައިވާ މީހުންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މެޑަމް ފާތިމަތު އިބްރާހިމް އެހީތެރިކަން ފޯރުކޮށްދެނީ އެއްވެސް އަމިއްލަ އެދުމެއް ނެތި ކަމަށެވެ.