ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ ފަރާތުން ބައިނަލްއަގްވާމީ ފޯރަމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އައިޔޫއެމްގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އައިޔޫއެމް އިން ފަށާ އެ ފޯރަމްގައި ތަގުރީރު ކުރެއްވުމަށް އިސްލާމީ ގައުމުތަކާއި އެހެނިހެން ގައުމުތަކުގެ ސަފީރުންނާއި އިއްޒަތްތެރިންނަށް ދައުވަތު ދެއްވާނެ ކަމަށެވެ.

އެގޮތުން ފެބްރުއަރީ 15 ވަނަ ދުވަހު ބާއްވާ ފުރަތަމަ ފޯރަމްގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އަށް ވަނީ ދެއްވައިފަ އެވެ.

ޝަހީމް ވިދާޅުވީ، ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ބޭފުޅުން އިންސާނީ އަދި ބައިނަލްއަގްވާމީ ގުޅުންތަކާއި އިންސާނީ ހައްގުތައް ފަދަ މުހިއްމު އެކިއެކި މައުލޫތަކަށް ތަގުރީރު ކުރައްވާނެ ކަމަށެވެ.

އައިޔޫއެމް އިން ބުނި ގޮތުގައި، ސަރުކާރުގެ މުއައްސަސާތަކުގެ އިއްޒަތްތެރިންނަށް ދައުވަތު ދީގެން އާއްމުންނަށް ވެސް ވަދެވޭ ގޮތަށް ބާއްވާ އެ ފޯރަމް ވެގެންދާނީ ގަދަރުވެރި މަޖިލީހަކަށް ކަމަށެވެ.