ދުނިޔޭގެ ގިނަ ޤައުމުތަކުގައި ބަލިިވެ އިނުމާއި ވިހެއުމުގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން މަރުވަމުންދާ މައިގަނޑު އެއްސަބަބަކީ ތަމްރީން ލިބިފައިވާ ފޫޅުމައިން މަދުވުން ކަމަށް އދ. ން ބުނެފި އެވެ.

ފޫޅުމައިންގެ މަސައްކަތާބެހޭ ގޮތުން އދ. ން ނެރުނު ރިޕޯޓެއް ބުނާގޮތުން ބޭނުންވާ މިންވަރަށް ފޫޅުމައިން ތަމްރީން ކުރެވިއްޖެނަމަ މާބަނޑު ދުވަސްވަރުގައާއި ވިހެއުމުގެ ތެރޭގައި ކޮންމެ އަހަރަކު މަރުވާ އެތަށް މިލިޔަން ތުއްތު ކުދިން ނާއި އަންހެނުންނެއްގެ ތެރެއިން ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ އެވެ.

އދ. ގެ ރިޕޯޓް ބުނާގޮތުން ދުނިޔޭގެ ޤައުމުތަކުން ކޮންމެ އަހަރަކު ބަލިވެއިނުމާއި ވިހެއުމުގެ ތެރޭގައި 358000 ހާސް އަންހެނުންނާއި 3.6 މިލިޔަން ކުޑަކުދިން މަރުވެ އެވެ. މީގެ ތެރެއިން ގިނަ އަންހެނުންނާއި ކުޑަކުދިން މަރުވަނީ ޑޮކްޓަރެއް އަދި ނަރުހެއް ނެތުމުގެ އިތުރުން ތަމްރީން ލިބިފައިވާ ފޫޅުމައެއްގެ ޚިދްމަތް ވެސް ލިބެން ނެތުމުންނެވެ.

ތަމްރީން ލިބިފައިވާ ފޫޅުމައިންގެ ޚިދްމަތް ލިބޭނަމަ މީގެތެރެއިން މަދުވެގެން ތިން ބައިކުޅަ އެއްބައި ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އދ. ގެ ރިޕޯޓް ބުނެއެވެ. މިރިޕޯޓް ގައިވާގޮތުން ދުނިޔޭގައި ވިހާއަންހެނުންގެ ތެރެއިން 60 ޕަސެންޓް އަންހެނުން ނިސްބަތްވަނީ އެންމެ 58 ޤައުމަށެވެ. ނަމަވެސް ވިހެއުމުގެ ތެރޭގައި މަރުވާ އަންހެނުންނާއި ކުޑަކުދިންގެ ތެރެއިން 91 ޕަސެންޓް ނިސްބަތްވަނީ މި 58 ޤައުމަށެވެ. / ޖަވާދު
އެހެންކަމުން ހަމައެކަނި މިޤައުމުތަކަށް ބޭނުންވާ މިންވަރަށް ފޫޅުމައިން ތަމްރީން ކުރެވުނަސް ވިހެއުމުގެ ތެރޭގައި މަރުވާ އަންހެނުންނާއި ކުޑަކުދިންގެ ނިސްބަތް 30 އިންސައްތައަށް ދަށް ކުރެވިދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އދ. ގެ ރިޕޯޓް ބުނެއެވެ. (ރޮއިޓާސް)