10 Jan 2017, 10:16
އިންޑިއާގެ އޮޑީޝާ ސްޓޭޓުގެ ފިރިހެނަކަށް އޭނާގެ ދަރިފުޅުގެ މަރުވެފައިވާ ހަށިގަނޑު ކޮނޑަށް ލައިގެން 15 ކިލޯ މީޓަރަށް ހިނގަން މަޖުބޫރުވެއްޖެ އެވެ.
އޮޑީޝާގެ ޕެޗަމުންދީ އަވަށަށް ނިސްބަތްވާ މީހެއް ކަމަށް ބެލެވޭ ގަޓީ ދީބަރުގެ ފަސް އަހަރުގެ ދަރިފުޅު ސުމީ ދީބަރު މަރުވީ ވަރަށް ބޮޑަށް ހުން އައިސްގެން ޕަލަލްހާދާ ކޮމިއުނިޓީ ހެލްތު ސެންޓަރަށް ގެންދިޔަ ފަހުން ކަމަށް ހިންދުސްތާން ޓައިމްސްގައިވެ އެވެ.
ައެކުއްޖާ މަރުވުމުން ހޮސްޕިޓަލުން ވަނީ އެކުއްޖާ އަނބުރާ އުފަން އަވަށަށް ގެންދާނެ ސަންދޯކެއް ނުވަތަ އެމްބިއުލާންސެއްގެ ހިދުމަތް ދޭން ދެކޮޅު ހަދާފައި ކަމަށް ވަން އިންޑިއާ ނިއުސްގައިވެ އެވެ. އެހެންކަމުން ދީބަރުއަށް ޖެހުނީ ދަރިފުޅު ފޮތިގަނޑެއްގައި އޮޅައިގެން، 15 ކިލޯ މީޓަރު ދުރުގައި އޮންނަ އޭނާގެ އަވަށަށް ހިނގާފައި ދާށެވެ.
ކުޑަ ދަރިފުޅު ކޮނޑަށް ލައިގެން ދިބާރު ހިނގާފައިދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފަ އެވެ. އަދި އިންޑިއާ ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށް ވަން އިންޑިއާ ނޫހުގައިވެ އެވެ.
މީގެ އިތުރުން ދަރިފުޅުގެ ހަށިގަނޑު ކޮނޑަށް ލައިގެން ދިޔުމަށް ދިބާރަށް ފުރުސަތު ދިނުމުގެ ސަބަބުން، އިހުމާލުވި ކަމުގެ ކުށުގައި ހޮސްޕިޓަލުގެ ދެ މުވައްޒަފުން މަގާމުން ވަކިކޮށްފައިވާ ކަމަށް 24 އިންޑިއާ ނޫހުގައިވެ އެވެ.
މީގެ ކުރިން ވެސް އޮޑީޝާ ސްޓޭޓުގައި އެފަދަ ހާދިސާތައް ހިނގާފައިވެ އެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހު ހިނގި އެފަދަ ހާދިސާއެއްގައި ދާނާ މާޖީ ނަމަކަށް ކިޔާ މީހެއްގެ އަތުގައި އެމްބިއުލާންސަށް ހަރަދު ކުރާނެ ފައިސާ ނެތުމުން، އޭނާ އަށް ޖެހުނީ އަނބިމީހާގެ ގަބުރު ކޮނޑަށް ލައިގެން 12 ކިލޯ މީޓަރު ދުރުގައި އޮންނަ އޭނާގެ އަވަށަށް ހިނގާފައި ދާށެވެ.
އެ ހާދިސާއަށް ގިނަ ބައެއް ސަމާލުކަން ލިބުމާ ގުޅިގެން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ބައިޖަޔަންތު ޖޭ ޕާންޑާ ވަނީ ސަރުކާރު ހޮސްޕިޓަލްތަކުގައި މަރުވާ މީހުންގެ ހަށިގަނޑު އެއްވެސް ހަރަދަކާ ނުލައި އެމްބިއުލާންސުން އެމީހުންގެ އަވަށަށް ގެންދާ ސުކީމެއް ފުޅާ ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެވައުދު ފުއްދިފައި ނުވާ ކަން ދީބަރަށް ދިމާވި ހާދިސާއިން އެނގިގެންދެ އެވެ.