10 Jan 2017, 09:59
ބޮޑު ޗުއްޓީއާ ދިމާކޮށް ބޭންކުތަކުގައި ޑޮލަރު ގަތުމަށް ކިއު ދިގުވެ މައްސަލަތަކެއް ކުރިމަތިވުމާ ގުޅިގެން ސީދާ އެމްއެމްއޭއިން ޑޮލަރު ވިއްކަން ފަށައި، ދޮޅުމަހެއްހާ ދުވަސްތެރޭ 15.2 މިލިއަން ޑޮލަރު ވިއްކައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން ޑޮލަރު ދޫކުރަން ފެށީ ޗުއްޓީއަށާއި އެހެނިހެން ބޭނުންތަކަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށް ޑޮލަރު ދޫކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސުމުގެ މަގްސަދުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ.
އެމްއެމްއޭ މެދުވެރިކޮށް ޑޮލަރު ވިއްކަން ފެށި ފުރަތަމަ ދުވަހު، މި މަހުގެ 20 ވަނަ ދުވަހު އެކަނި ވެސް 802،125 ޑޮލަރު ވިއްކާފައިވެ އެވެ.
އެ އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރު، މަންސޫރު ޒުބައިރު އިއްޔެ ވިދާޅުވީ، 20 ނޮވެމްބަރު 2016 އިން ފެށިގެން އިއްޔެގެ ނިޔަލަށް ޖުމްލަ 30،502 ޓިކެޓަށް 15،164،002 ޑޮލަރު ވިއްކާފައިވާ ކަމަށެވެ. އެއީ 233.8 މިލިއަން ދިވެހި ރުފިޔާ އެވެ.
އެގޮތުން އެންމެ ގިނައިން ޑޮލަރު ވިއްކާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ކަމަށާއި، އެ ދުވަހު 1629 ޓިކެޓަށް 814،019 ޑޮލަރު ވިއްކުނު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެންމެ މަދުން ޑޮލަރު ވިއްކުނީ އިއްޔެ (9 ޑިސެމްބަރު 2017)ގައި ކަމަށާއި، އިއްޔެ ޑޮލަރު ދޫކުރެވުނީ އެންމެ 32 ޓިިކެޓަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އިއްޔެ ދޫކުރެވުނީ 15،510 ޑޮލަރު ކަމަށްވެސް މަންސޫރު ވިދާޅުވިއެވެ.
ޓިކެޓަކަށް 500 ޑޮލަރުގެ އުސޫލުން ޖުމްލަ 15.2 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ޑެބިޓް ކާޑު މެދުވެރިކޮށްވެސް ޑޮލަރަށް ފައިސާ ދެއްކުމުގެ އިންތިޒާމު އެމްއެމްއޭއިން ހަމަޖެއްސި އެވެ.
އެމްއެމްއޭ މެދުވެރިކޮށް ޑޮލަރު ދޫކުރުން އިއްޔެގެ ނިޔަލަށް ނިމިފައިވާއިރު، ބީއެމްއެލުން މިހާރު ވަނީ ބޭރަށް ދަތުރުވެރިންނަށް ފަސޭހަކަމާ އެކު ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖައްސައި، އެއާޕޯޓުގައި ހުންނަ އެ ބޭންކުގެ ބްރާންޗުން ޑޮލަރު ދޫކުރަން ފަށާފައެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ު އެ ބޭންކުން ވަނީ މިހާރު ތައާރަފްކޮށްފައެވެ.