10 Jan 2017, 09:43
ވޮޝިންޓަން (ޖެނުއަރީ 10): މިމަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ވެރިކަމުގެ ހުވާ ކުރައްވާނެ ޑޮނަލްޑް ޓްރަމްޕްގެ އިސް މުޝީރަކަށް ދަރިކަނބަލުން އިވަންކާ ޓްރަމްޕްގެ ފިރިކަލުން، ޖެރަޑް ކުޝްނާގެ ނަން ހުށަހަޅައިފި އެވެ.
ރިޔާސީ ކެމްޕެއިނުގައި އިސް ދައުރެއް އަދާ ކުރެއްވި ކުޝްނާ އެމަގާމަށް އައްޔަންކޮށްފި ނަމަ އެމެރިކާގެ ދާހިލީ އަދި ހާރިޖީ ސިޔާސަތާ ބެހޭ ގޮތުން ޓްރަމްޕަށް އޭނާ ލަފާ ދެއްވާނެ އެވެ.
ކުޝްނާއަކީ ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގަވަމުން ގެންދާ ފަރާތެއް ކަމުން ޑިމޮކްރަޓިކް ޕާޓީން ވަނީ އޭނާ އެމަގާމަށް އައްޔަން ކުރުމުން މަސްލަހަތަށް ފުށޫ އަރާފާނެ ކަމަށް ބުނެފަ އެވެ. އަދި އެއީ ސަރުކާރުގެ އޮފިޝަލަކު އޭނާގެ އާއިލާގެ މެމްބަރުންނަށް މަގާމުތައް ދިނުމާ ބެހޭ ގާނޫނާ ހިލާފު ކަމެއް ކަމަށް ވެސް ބުނެފަ އެވެ.
މީގެ އިތުރުން ދައުލަތުގެ މުވައްޒަފުން އެއްވެސް ވިޔަފާރިއަކުން ފައިދާ ހޯދައިގެން ނުވާނެ ކަމަށް ބުނާ ގާނޫނުތައް ވެސް ހުރެ އެވެ.
އެހެންކަމުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ޑިޕާޓްމެންޓް އޮފް ޖަސްޓިސް އާއި އޮފީސް އޮފް ގަވާމެންޓް އެތިކްސް އިން އެކަމާ ބެހޭ ގޮތުން ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.
ނަމަވެސް ޓްރަމްޕްގެ ޓީމުން ވަނީ ސަރުކާރުގެ މަގާމުތައް އާއިލާގެ މެމްބަރުންނަށް ދިނުން ހުއްޓުވާ ގާނޫނުގެ ތެރޭގައި ވައިޓް ހައުސްގެ މަގާމުތައް ނުހިމެނޭނެ ކަމަށް ބުނެފަ އެވެ.
ރައީސްގެ މުޝީރުގެ މަގާމަށް ކުޝްނާ އައްޔަންކޮށްފި ނަމަ އޭނާގެ އާއިލާގެ ވިޔަފާރިން ކުޝްނާ އިސްތިއުފާ ދެއްވާނެ ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ. އަދި ކުޝްނާ ވަނީ އެކަމާ ބެހޭ ގޮތުން އޮފިސް އޮފް ގަވަމެންޓް އެތިކްސްއާ ވެސް މަޝްވަރާ ކުރައްވާފައި ކަމަށް ވަކީލު ވިދާޅުވި އެވެ. (ބީބީސީ)