10 Jan 2017, 00:49
ފީފާއިން ހޮވާ ދުނިޔާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތަރުވަނަ ފަހަރަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.
ސްވިޒަލެންޑްގެ ޒިއުރިކްގައި މިރޭ ކުރިއަށްދިޔަ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ހަފްލާގައި އެންމެ މޮޅު ކުޅުންތެރިޔާ އެވޯޑް ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުންދާ ރޮނާލްޑޯއަށް ވަނީ ހަވާލުކޮށްފައެވެ.
އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ރޮނާލްޑޯއާ ވާދަކޮށްފައިވަނީ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އަދި އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަންއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ --- ފޮޓޯ: އޭޕީ
ރޮނާލްޑޯއަށް ފާއިތުވެދިޔަ އަހަރު ވެފައިވަނީ ވަރަށް ކާމިޔާބު އަހަރަކަށެވެ. ރެއާލް މެޑްރިޑާއެކު މިދިޔަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދިއިރު، ޕޯޗުގަލްއާއެކު ރޮނާލްޑޯ ވަނީ މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ.
ފީފާއިން ހޮވާ ދުނިޔާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 2008 ވަނަ އަހަރުން ފެށިގެން ހޯދަމުންދަނީ މެސީއާއި ރޮނާލްޑޯއެވެ. ރޮނާލްޑޯ ހަތަރުވަނަ ފަހަރަށް އެވޯޑް ހޯދިއިރު، މެސީ ވަނީ ފަސް ފަހަރު އެވޯޑް ހޯދައިފައެވެ.

ފާއިތުވެދިޔަ ނުވަ އަހަރު ދުވަހު ތެރޭގައި ރޮނާލްޑޯ ނުވަތަ މެސީ ފިޔަވާ އެހެން އެއްވެސް ކުޅުންތެރިޔަކަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދިފައެއް ނުވޭ ---
2016- ކްރިސްޓިއާނޯ ރޮނާލްޑޯ
2015- ލިއޮނެލް މެސީ
2014- ކްރިސްޓިއާނޯ ރޮނާލްޑޯ
2013- ކްރިސްޓިއާނޯ ރޮނާލްޑޯ
2012- ލިއޮނެލް މެސީ
2011- ލިއޮނެލް މެސީ
2010- ލިއޮނެލް މެސީ
2009- ލިއޮނެލް މެސީ
2008- ކްރިސްޓިއާނޯ ރޮނާލްޑޯ