10 Jan 2017, 00:14
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.
އަދާލަތު ޕާޓީން އެގޮތަށް ނިންމީ، އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމަކަށްފަހުއެވެ.
"... ދިވެހި ރައްޔިތުންގެ ކިބައިން ނުހައްގުން އިންތިޚާބެއް ނިގުޅައިގަތުމަކީ ދިވެހި ރައްޔިތުންނާއި، ދިވެހި ދައުލަތާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ދެކޮޅަށް ހިންގޭ އިމެއް ނެތް ބޭއިންސާފު ޖަރީމާއަކަށް ވާތީ، މި އެންމެހައި އަނިޔާވެރި، ގާނޫނާ ޚިލާފު، ބޭއިންސާފު ޖަރީމާތަކަށް އިންކާރުކޮށް، އިހްތިޖާޖުކޮށް ކުށްވެރިކުރާ ހާލު، 2017 ވަނަ އަހަރުގެ އޭޕްރީލް މަހު 8 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އަދާލަތު ޕާޓީގެ ފަރާތުން ވާދަނުކުރުމަށް ނިންމައިފީމެވެ." އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމުގައި ވެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ އާދީއްތަދުވަހުގެ ރޭ ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ކުރީން ހުށަހަޅާފައިވާ ފޯމުތައް ބާތިލުކޮށް، އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، އެކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.
ކުރިން ޖެނުއަރީ 14 ވަނަ ދުވަހު ބާއްވަން އިއުލާން ކުރި އިންތިޚާބު ފަސްކުރަން ޖެހުނީ ދެ މަހަށް އިންތިޚާބު ފަސްކުރަން ސިވިލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އަދާލަތު ޕާޓީން ބުނީ، ދިވެހިރާއްޖޭގެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ޚަރާބުކޮށް، ސަރުކާރު ހިންގާ ފަރާތަަށް ލާބަހުރި ގޮތަށް މެނުވީ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅަމުން ނުގެންދާ ކަމަށެވެ. އެގޮތުން އޭޕްރީލް އަށް ވަނަ ދުވަހު އިންތިޚާބު ބާއްވަން އިއުލާނުކޮށްފައި ވަނީ، ގާނޫނުއަސާސީގެ ދަށުން އިންތިޚާބު ބޭއްވުމުގެ ބަދަލުގައި ވަކިމީހަކު އަންގާ ބަޔަކަށް ކައުންސިލްތަކުގެ މަގާމު ހަވާލުކުރުމަށް ދައްކާ ހުއްޖަތެއްގެ ގޮތުގައި ކަމަށްވެސް އެ ޕާޓީން ބުނެއެވެ.
ގާނޫނުއަސާސީގައި ކަނޑައެޅިފައިވާ ތާރީޚަށް، ކައުންސިލްތަކުގެ އިންތިޚާބު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ގަސްތުގައި އިހްމާލުވެ، އެ އިންތިޚާބު ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ކަމަށާއި، އެހެންކަމުން މި ފަހަރުގެ އިންތިޚާބުގައި ވާދަކުރުމަކީ، "ނުހައްގުން ފޭރިގެންފައިވާ އިންތިޚާބެއްގައި ސައްހަކަމުގެ ސިއްކަ ޖަހައިދިނުން" ކަމަށްވެސް އަދާލަތުން ބުނެފައިވެއެވެ.
އަދާލަތު ޕާޓީން މިފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ކުރީން ހަމަޖެހިފައި އޮތީ، އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެންނެވެ. އަދި އެ ދެޕާޓީން ވަނީ، އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑޭޓުންގެ ފޯމުތައްވެސް ހުށަހަޅައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ، މިފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިން ކުރިމަތިލީ 900 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ފޯމް ބާތިލްކޮށް، އަލުން ފޯމު ހުށަހަޅަން އަންގައިފައެވެ. އަދި އެވެ.
އިލެކްޝަންސް ކޮމިޝަނުން އާދީއްތަދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ އެ ކޮމިޝަނުން އަމަލު ކުރަނީ ކޯޓުގެ ހުކުމަށް ކަމަށާއި އިންތިޚާބު ފަސްވުމަކީ އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭނެ ސަބަބެއް ނޫން ކަމަށެވެ.