09 Jan 2017, 23:59
ފީފާ ފެއާޕްލޭ އެވޯޑް ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއޮނަލް ލިބުނުއިރު، ފީފާ ފޭން އެވޯޑް ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް އަދި އިނގިރޭސިވިލާތުގެ ލިވަޕޫލްއަށް ލިބިއްޖެއެވެ.
ސްވިޒަލެންޑްގެ ޒިއުރިކްގައި މިހާރު ކުރިއަށްދާ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ހަފްލާގައި ފީފާ ފެއާޕްލޭ އެވޯޑު އެތުލެޓިކޯ ނޭސިއޮނަލްއަށް ހަވާލުކުރިއިރު، އެންމެ ރަނގަޅަށް ސަޕޯޓްކުރި ބޮރޫޝިއާ ޑޯޓްމަންޑް އަދި ލިވަޕޫލަށް ވަނީ ފޭން އެވޯޑް ހަވާލުކޮށްފައެވެ.
ފެއާޕްލޭ އެވޯޑް ލިބުނު އެތުލެޓިކޯ ނޭސިއޮނަލްއަކީ މިދިޔަ އަހަރު ކޮޕާ ސުޑަމެރިކާނާގެ ފައިނަލުގައި ބްރެޒިލްގެ ޗަޕެކޮއެންސްއާ ދެކޮޅަށް ނުކުންނަން ހަމަޖެހުނު ޓީމެވެ. ނަމަވެސް ފައިނަލުގައި ވާދަކުރުމަށް ޗަޕެކޮއެންސް ދަތުރުކުރަމުންދިޔަ ބޯޓު ވެއްޓުމާ ގުޅިގެން އެ ފައިނަލް ކުޅެވޭގޮތް ވެފައެއް ނުވެއެވެ.
ހިތާމަވެރި އެ ހާދިސާގައި ޗަޕެކޮއެންސްގެ ގިނަ ކުޅުންތެރިންތަކެއް މަރުވިއިރު، އެތުލެޓިކޯ ނޭސިއޮނަލްއިން ވަނީ ސުޑަމެރިކާނާގެ ތަށި ޗަޕެކޮއެންސްއަށް ދިނުމަށް ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާ ކޮންމެބޮލްއަށް ގޮވާލައިފައެވެ. އަދި ފަހުން ކޮންމެބެލްއިން ވަނީ ޗަޕެކޮއެންސްއަކީ މިދިޔަ އަހަރުގެ ކޮޕާ ސުޑަމެރިކާނާގެ ޗެމްޕިއަނުން ކަމަށް ވެސް ނިންމައިފައެވެ.
ފީފާ ފޭން އެވޯޑް ޑޯޓްމަންޑާއި ލިވަޕޫލަށް ލިބުނީ ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ކުޅުނު މެޗުގައި ދެ ޓީމުގެ ސަޕޯޓަރުން ދިން ތަރުހީބަށެވެ. މިދިޔަ އަހަރު އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ކުޅުނު އެ މެޗު 4-3 ލަނޑުން ކާމިޔާބުކުރީ ލިވަޕޫލްއެވެ.
ފީފާ ފޭން އެވޯޑަށް ޑޯޓްމަންޑް އަދި ލިވަޕޫލްއާ ވާދަކުރީ އައިސްލެންޑްގެ ސަޕޯޓަރުންނާއި އޭޑީއޯ ޑެން ހާގްގެ ސަޕޯޓަރުންނާ ވާދަކޮށްގެންނެވެ. އެ އެވޯޑަށް އައިސްލެންޑް ސަޕޯޓަރުން ނޮމިނޭޓްވީ ޔޫރޯ 2016ގެ ކުއާޓާ ފައިނަލުގައި ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ސަޕޯޓަށެވެ. އަދި އޭޑީއޯ ޑެން ހާގް އެވޯޑަށް ނޮމިނޭޓްވީ ނެދަލޭންޑްސް ލީގުގައި ފެޔެނޫޑްއާ ދެކޮޅަށް މިދިޔަ އަހަރުގެ ޖުލައި ތިންވަނަ ދުވަހު ކުޅުނު މެޗުގެ ސަޕޯޓަށެވެ.