09 Jan 2017, 21:31
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ގެނައި ސާބިއާ ފޯވަޑް އެލެކްސެންޑާ ރަކިޗް ޓީމާ ގުޅިއްޖެއެވެ.
ސާބިއާ ފޯވަޑް ރަކިޗް މާޒިޔާއާ ގުޅުނުކަން އެކްލަބުން ކަށަވަރުކޮށްދީފައިވާއިރު، އޭނާ އަކީ އަރްމީނިއާގެ ފުރަތަމަ ޑިވިޝަންގައި ކުޅުނު ކުޅުންތެރިއެކެވެ. އަރްމީނިއާ ޕްރިމިއާ ލީގުގައި ރަކިޗް ވަނީ އަރާރަތު ޔެރަވެންއާއި ގެންޑަޒަސާ ކަޕަންއަށް ކުޅެފައިވެއެވެ.
އުމުރުން 29 އަހަރުގެ ރަކިޗްގެ ކެރިޔަރު 2005 ވަނަ އަހަރު ފެށީ ސާބިއާގެ ސިމެންޓް ބެއޮޗިންއިންނެވެ. އެއަށްފަހު 2013 އިން ފެށިގެން 2015 އަށް އަރްމީނިއާގެ އަރާރަތު ޔެރެވަންއިން ފެނިފައިވެއެވެ. މިދިޔަ އަހަރުގެ ތެރޭގައި އޭނާ ވަނީ އަރްމީނިއާގެ ގެންޑަޒަސާ ކަޕަންއާއި ސާބިއާގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އިންޑިޖާއަށް ކުޅެފައެވެ.
ރަކިޗްއަކީ މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް މާޒިޔާއަށް ގެނައި ބިދޭސީ ދެވަނަ ކުޅުންތެރިޔާއެވެ. މާޒިޔާއިން ފުރަތަމަ ބިދޭސީ ކުޅުންތެރިޔަކަށް ގެނެސްފައިވަނީ ކުރިން ވެސް އެ ކްލަބުން ފެނިގެންދިޔަ ކިރްގިސްތާން ގޯލްކީޕަރު ޕަވެލް މަޓިއާޝްއެވެ. މާޒިޔާއަށް 2015 ވަނަ އަހަރު މަޓިއާޝް ގެނެސްފައިވަނީ ކީޕަރު އިމްރާން މުހައްމަދަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
މާޒިޔާއަށް މިދިޔަ އަހަރުގެ ސީޒަނުގައި ފެނުނު ކުޅުންތެރިންގެ ތެރެއިން މިހާތަނަށް ޓީމުން ވަކިވި ކުޅުންތެރިންނަކީ ކީޕަރު އިމްރާންއާއި، އިސްމާއިލް އީސަ އަދި އަހްމަދު ނަޝީދު (ނައްޓޭ) އެވެ. ކީޕަރު އިމްރާން އަލުން ނިއުއާ ގުޅުނު އިރު، ނައްޓޭ ވަނީ ކްލަބު އީގަލްސްއާ ގުޅިފައެވެ. އީސަ ދަނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ ވާހަކަދައްކަމުންނެވެ. އޭގެ އިތުރުން އަލީ އަޝްފާގު (ދަގަނޑޭ) ވެސް މާޒިޔާއާއެކު ހަދާފައިވާ އެއްބަސްވުން އާކުރާނެ ކަމަކަށް ނުބެލެވެއެވެ. އޭނާ ދަނީ ކުރީގެ ކްލަބު ނިއުއާ ވާހަކަދައްކަމުންނެވެ.
މިދިޔަ އަހަރު ވެސް މާޒިޔާއަށް ކުޅުނު މުހިންމު ގިނަ ކުޅުންތެރިންތަކެއް އެކްލަބުގައި މަޑުކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން އަސަދުﷲ އަބްދުﷲ (އަސައްކޮ)އާއި، އަސްހަދު އަލީ (އަޑުބަރޭ)އާއި، ހުސައިން ނިޔާޒް (ބޮކުރީ)އާއި، މުހައްމަދު އިރުފާން (އިރޭ)އާއި، މުހައްމަދު އުމައިރުއާއި، ޔަސްފާދު ހަބީބް (މުލަކޭ)އާއި، މޫސާ ޔާމީނާއި، އަހްމަދު އިމާޒް (އާއްކޮ)އާއި، ހަސަން ޝިފާގް (ޑުންގާ) އަދި އެއްބަޑުއެއްބަފާ ދެބެން ކަމަށްވާ ސަމޫހު އަލީ (ސަމުއްޓޭ) އަދި ގާސިމް ސައްމާމް (ސައްމޭ) ވެސް އެ ކްލަބުގައި މަޑުކުރުމަށް ވަނީ ނިންމައިފައެވެ.
މިއަހަރުގެ ސީޒަނުގައި މާޒިޔާއަށް އިރުޝާދުދޭނީ މިޔަންމާގެ ކްލަބުތަކަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ މެސެޑޯނިއާ ކޯޗު މަރްޔަން ސެކުލޮވްސްކީއެވެ.