21 Jun 2011, 19:39
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރާ އިނީޝިއޭޓިވް، ސައުތު އޭޝިއާ އިނީޝިއޭޓިވް ޓް އެންޑް ވައިލެންސް އަގައިންސްޓް ޗިލްޑްރަން )ސައިވެކް(ގައި ރާއްޖޭގައި ރަޖިސްޓްރީ ކުރަން ސަރުކާރުން ނިންމައިފި އެވެ.
މި އިނިޝިއޭޓިވްގައި ބައިވެރިވާން ސަރުކާރުން ނިންމުމުގެ ގޮތުން ވަޒީރުންގެ މަޖިލީހުގައި ވަޒީރުން މިއަދު ވާހަކަފުޅު ދެއްކެވި އިރު ދެކުނު އޭޝިއާގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށާއި، އެކަމަށް ދުނިޔޭގެ ފެންވަރުގަ އާއި ސާކް ފެންވަރުގައި އެއްބަސްވެފައިވާ މުޢާހަދާތަކާއި، ޕްރޮޓޮކޯލްތައް ތަންފީޛު ކުރުމަށް ބާރުއަޅާ މިފަދަ ސަރަޙައްދީ ޖަމްޢިއްޔާއެއް ނެތްކަން ފާހަގަ ކުރެއްވެވި އެވެ.
އަދި މި ދައުރަކީ ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު، ދިވެއްސަކު ފުރުއްވާ ދައުރަކަށްވާތީ، ސައިވެކްގައި ރާއްޖެ ރަޖިސްޓަރީ ވުމަކީ ސަރުކާރުން ކުޑަކުދިންގެ ޙައްޤުތަކަށް ދެއްވާ އަހަންމިއްޔަތު ހާމަވެގެންދާނެ ކަމެއްކަން ފާހަގަކޮށް އެކަން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން، ބަލައިގަންނާނެ ކަމަށް ވެސް ވަޒީރުން ވިދާޅުވި އެވެ.
ސައިވެކަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ އަށް ޤައުމު، އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނެޕާލް، ޕާކިސްތާން އަދި ސްރީލަންކާ ހިމެނޭގޮތަށް، އެޤައުމުތަކުގެ ސަރުކާރުތަކާއި، އދ. ކަމާބެހޭ ޖަމްޢިއްޔާތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އަމިއްލަ ޖަމްޢިއްޔާތައް ގުޅިގެން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ހެޔޮ ގޮތުގައި ކުދިން ބޮޑުކޮށް ރައްކާތެރިކަމާއި އެހީތެރިކަން ހޯދައިދިނުމަށް އުފައްދާފައިވާ އިނީޝިއޭޓިވެކެވެ.