ބެންގްކޮކް(ޖަނަވަރީ 9): ކޮރަޕްޝަނުގައި ހައްދު ފަހަނަޅައިދާ ސިޔާސީ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް، ތައިލެންޑުގެ މުއައްސަސާއެއް ކަމަށްވާ "ނެޝަނަލް އެސެމްބްލީ ޓޫ ގައިޑް ރިފޯމް" އިން އަސްކަރީ ސަރުކާރަށް ހުށަހަޅައިފިއެވެ.

ތައިލެންޑްގައި ވެރިކަންކުރާ އަސްކަރީ މަޖިލީހުން އުފައްދާފައިވާ މި އެސެމްބްލީން ބޭއްވި ޖަލްސާއެއްގައި އަސްކަރީ ސަރުކާރަށް ހުށަހަޅާފައިވަނީ ކޮރަޕްޝަނުގައި ހައްދު ފަހަނަޅައިދާ ސިޔާސީ ފަރާތްތަކަށް މަރުގެ އަދަބު ދިނުމާބެހޭ ގަރާރެއް ނެރެ އެގަރާރު ގާނޫނަކަށް ހެދުމަށެވެ. ތައިލެންޑްގައި މިހާރު ހިނގަމުންދަނީ އަސްކަރީ ޚުދުމުޚްތާރު ވެރިކަމެއްކަމަށްވާތީ އެގައުމުގައި ޑިމޮކްރަސީގެ މުއައްސަސާތައްވަނީ އުވާލާފައެވެ. މިގޮތުން ގާނޫނު ހަދާ މަޖިލިސްކަމަށްވާ ޕާލަމެންޓް އުވާލާފައިވާއިރު ގާނޫނު ހެދުމުގެ ހުރިހާ ބާރަކާއި އިޚްތިޔާރެއް މިހާރު އޮންނަނީ ވެރިކަންކުރާ އަސްކަރީ މަޖިލީހަށެވެ.

މިހާރު އޮންނަ ގޮތުން ތައިލެންޑްގައި ވެރިކަންކުރާ އަސްކަރީ މަޖިލީހުން ފާސްކުރާ ކޮންމެ ގަރާރެއް ވަޒީރުންގެ މަޖިލީހުން ތަސްދީގު ކުރުމުން އެގަރާރު ގާނޫނަކަށް ވެގެންދާނެއެވެ. "ނެޝަނަލް އެސެމްބްލީ ޓޫ ގައިޑް ރިފޯމް" އިން މިއަދު ބޭއްވި ޖަލްސާއަށްފަހު ނެރުނު ބަޔާނުގައި ސިޔާސީ ފަރާތްތަކުން ކޮރަޕްޝަނުގައި ހައްދު ފަހަނަޅައިދިޔުމަކީ ތައިލެންޑްގެ ގައުމީ ސަލާމަތަށާއި އިގްތިސާދަށް އޮތް އެންމެ ބޮޑު ނުރައްކާކަމަށް ސިފަކޮށްފައިވެއެވެ.

ކޮރަޕްޝަނުގައި ހައްދު ފަހަނަޅައިދިޔުމަކީ އެއްބިލިޔަން ތައިބާތަށް (ގާތްގަނޑަކަށް 28 މިލިޔަން އެމެރިކާ ޑޮލަރު) ޚިޔާނާތްތެރިވުން ކަމަށް އެބަޔާން ބުނެފައިވެއެވެ.

ސިޔާސީ މަގާމެއްގައި ހުންނަވާ ބޭފުޅަކު ގިނަވެގެން އެއްބިލިޔަން ތައި ބާތަށް ޚިޔާނާތްތެރިވިކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ އެމީހެއްގެ މައްޗަށް މަރުގެ އަބަދު ދިނުމާބެހޭ ގަރާރެއް ފާސްކޮށް އެކަން ގާނޫނަކަށް ހެދުމަށް "ނެޝަނަލް އެސެމްބްލީ ޓޫ ގައިޑް ރިފޯމް" އިން އަސްކަރީ ސަރުކާރަށްވަނީ އިލްތިމާސްކޮށްފައެވެ.

(1930 އަށްފަހު) ތައިލެންޑަށް އަސްކަރީ އިންގިލާބު ގެ 19 އިންގިލާބު ގެނަސް ވެރިކަން ފޮރޮޅާލާފައިވާއިރު އެންމެ ފަހުން އެގައުމުގެ ޑިމޮކްރެޓިކް ވެރިކަން ފުރޮޅާލާފައިވަނީ ސިފައިންގެ ވެރިޔާ ޖެނެރަލް ބްރަޔޮތް ޗާން އޮޗާ 2014 ވަނަ އަހަރު ގެންނެވި އަސްކަރީ އިންގިލާބެއްގައެވެ. މި އިންގިލާބަށްފަހު މަގާމުން ދުރުކުރި ބޮޑުވަޒީރާ ޔަންގްލަކް ޝިނަވަޓްރާގެ މައްޗަށްވަނީ ކޮރަޕްޝަންގެ ދައުވާ އުފުލާފައެވެ.

ތައިލެންޑް އަލުން ޑިމޮކްރަސީއަކަށް ބަދަލުކުރުމުގެ ގޮތުން ބާއްވާ ޕާލަމެންޓްރީ އިންތިޚާބު (އާންމު އިންތިޚާބު) މި އަހަރު ބޭއްވުމަށް އަސްކަރީ މަޖިލީހުންވަނީ ނިންމާފައެވެ. 2014 ގެ އަސްކަރީ އިންގިލާބަށްފަހު ޖެނެރަލް ޗާން އޮޗާ ގެ ބޮޑުވަޒީރު ކަމުގައި އުފެއްދި އަސްކަރީ ސަރުކާރުގެ ބެލުމުގެ ދަށުން އެގައުމުގެ ގާނޫނު އަސާސީއަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނަސްފައެވެ. މިބަދަލުތަކާއެކު ތައިލެންޑްގެ އައު ގާނޫނޫ އަސާސީގައި ސިފައިންގެ ބާރާއި ނުފޫޒު ބޮޑުކޮށް ސިޔާސީ ފަރާތްތަކަށް ދެވޭ ފުރްސަތުތައްވަނީ ކުރިޔަށްވުރެބޮޑަށް ވަނީ ހަނިކޮށްލާފައެވެ.

އައު ގާނޫނު އަސާސީއަށް ފެންނަ ނުފެންނަ ވޯޓަކުން ރައްޔިތުން ރުހުންދީފައިވާއިރު އަސްކަރީ ސަރުކާރުން ބުނަނީ އައުގާނޫނު އަސާސީގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ކޯޅުންތައް ކުޑަވެ ސިޔާސީ ލީޑަރުންގެ ފިއްތުންތަކުން ގައުމުގެ އިގްތިސާދު ސަލާމަތް ކުރުމުގެ ފުރްސަތު ކުރިޔަށްވުރެ ބޮޑުވާނެ ކަމުގައެވެ. (ނޫސްއެޖެންސީތައް)