ޕާކިސްތާނު ބޯޓެއްގައި ކަނޑުމަގުން ރާއްޖެއަށް 29 ކިލޯ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

އެމައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ މ. ރަތްކޮކާގޭ އަހުމަދު ސަދޫހު ހުސައިނާއި 29، އަދި ލ. މާމެންދޫ އާސްތާނާ މުހައްމަދު ނިއުޝާދު 29ގެ މައްޗަށެވެ.

ރާއްޖެ އައި ބޯޓަކުން ރާއްޖެ އެތެރެކުރަން އުޅުނު 29 ކިލޯގެ ހެރޮއިން އަތުލައިގެންފައި ވަނީ މިދިއަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ.

އެ މައްސަލާގައި ދައުވާކުރަން ފޮނުވާފައި ވަނީ މިދިއަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލައިގެ ޝަރީއަތްތަށް ވެސް ކްރިމިނަލް ކޯޓުގައި ވަނީ ފަށާފަ އެވެ. އެގޮތުން މިހާތަނަށް ހަ އަޑުއެހުމެއް ބާއްވާފައިވާއިރު ދައުލަތުން މައްސަލަ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް މިހާރު ވަނީ ނަގާ ނިމިފަ އެވެ.

އަދި މިހާރު ކުރިއަށް ދަނީ ޝަރީއަތުން ބޭނުންވެގެން ހާޒިރު ކުރަން ބޭނުންވާ ބައެއް މީހުން ޙާޒިރު ކުރުމާއި ދިފާއީ ހެކިން ހާޒިރު ކުރުމުގެ މަރުހަލާކަން ވެސް ވަނީ އެނގިފަ އެވެ.

ޕާކިސްތާނުން އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ 29 ކިލޯގެ ހެރޮއިންގެ މަގުމަތީ އަގު 145 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އެންމެ އިސްކޮށް އުޅުނީ މައްސަލާގައި ދައުވާ ލިބޭ ސަދޫހު ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

ޖޫން 7، 2016: ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 29 ކިލޯގެ މަސްތުވާތަކެތި ނޫސްވެރިންނަށް ދައްކާލުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި މަސްތުވާތަކެތި ބަލައި ގޮސްފައި ވަނީ އޭނާއާ އާއިލީ ގުޅުމެއް އޮންނަ އަދި މައްސަލާގައި ނިއުޝާދު، 29، އާ އެކު އޭނާގެ ދޯންޏެއްގައި އިތުރު ދެ މީހަކާ އެކުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑާއި ފުލުހުންގެ އިންޓަލިޖެންސް އަދި މެރިން ޕޮލިހުންގެ އިތުރުން ސުވޮޓް ޓީމުން ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތި ބަރުކޮށްގެން އައި ދޯނި އަތުލައިގަނެފައި ވަނީ، އދ. އަތޮޅުގެ ބޭރުންނެވެ.

ޑީއީޑީގެ ހެޑް މޫސާ އަލީ ވިދާޅުވީ އެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫނިދޫގައި ބާއްވައިގެން ބެލިބެލުމުން މަސްތުވާތަކެތި ފެނިފައި ވަނީ ދޯނީގައި އޮތް ގޭސް ސިލިންޑަރެއްގެ ތެރެއިން ކަމަށެވެ.

އެއީ މިހާތަނަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އެންމެ ގިނަ އަދަދެއް މަސްތުވާތަކެތި އަތުލައިގަތް ފަހަރެވެ.

މީގެކުރިން އީރާނުގައި ރަޖިސްޓްރީކޮށްފައިވާ "ހޮރުމޯޒު" ނަމަކަށް ކިޔާ ބޯޓަކުން 2014 ވަނަ އަހަރު ރާއްޖެ އެތެރެކުރަން އުޅުނު 24 ކިލޯގެ މަސްތުވާތަކެތި ވެސް ވަނީ އަތުލައިގެންފަ އެވެ. އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މިހާރު ނިންމާލާފައިވާއިރު ދެން އޮންނާނީ ހުކުމެވެ.