ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައި ހުރި 37 ބިމެއް ވިއްކަން އިއުލާނުކޮށްފި އެވެ.

ހައުސިންގެ މިނިސްޓްރީން މިއަދު ކުރިއިއުލާނެއްގައިބުނެފައި ވަނީ ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގެ ދަށުން ބިންތައް ގަތުމަށް ޝައުގުވެރިވާ، އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިންނަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

ވެށިފަހި މާލެ ޕްރޮގްރާމުގެ ބިން ވިއްކުމުގެ އުސޫލުގައިވާ ގޮތުން ވިއްކަން ނިންމާ ބިމާ އިންވެގެން އޮންނަ އެއްވެސް ބިމެއްގެ މިލްކުވެރިއަކު އެ ބިން ގަތުމަށް ބޭނުންނުވާ ނަމަ އެ ނޫން ފަރާތަކަށް އެ ބިން ވިއްކާނީ ބީލަމުގެ އުސޫލުން އެންމެ ބޮޑު އަގަކަށެވެ. އަދި ބިން ގަންނަނީ އެ ބިމާ އިންވެގެން އޮންނަ ބިމެއްގެ މިލްކުވެރިއަކު ކަމަށްވާ ނަމަ ދެ ބިން އެއްކޮށްލައިގެން ވެސް ރަޖިސްޓްރީ ހެދިދާނެ ކަމަށް އުސޫލުގައިވެ އެވެ.

މިއަދު ހައުސިންގް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި މާފަންނުން 12 ގެއެއް، މައްޗަންގޮޅިން އަށް ގެއެއް އަދި ގަލޮޅު ހަތް ގޭގެ އިތުރުން ހެންވޭރުގެ 10 ގެއެއް ހިމެނެ އެވެ.

ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގައިވާ ފޯމު ފުރިހަމަކުރުމަށް އިއުލާނުގައި ވަނީ އެދިފަ އެވެ.

އަދި އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާ އެއްގޮތް ކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ އާއި އެފަރާތެއްގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ އާއި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގައިވާ ފޯމުގައި ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތައް 31 ޖަނަވަރީ 2017 ކުރިން މިނިސްޓްރީ އަށް ހުށަހެޅުމަށް އިއުލާނުގައި އެދިފައިވެ އެވެ.