09 Jan 2017, 13:20
މ. ލައިޓް ސިގްނަލް ގޭގައި މަރުވެފައި ތިއްބައި ފެނުނު ދެ މަފިރިން އާ ސަރަހަރާގައި އެއްވަޅެއްގައި ވަޅުލައިފި އެވެ.
އިއްޔެ ނިދާ ނުހޭލައިގެން ވަދެ ބެލިއިރު މަރުވެފައި ތިއްބައި ފެނިފައި ވަނީ ތ. ވިލުފުށީ، ގާސިމް ޝާހިދު، 47، އަދި ރަޒީނާ އިބްރާހިމް، 42، އެވެ. އެ ދެމަފިރިން ވަޅުލާފައި ވަނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާގަ އެވެ. އެ ދެމަފިރިންގެ މޫނު ބެލުމަށާއި ކަށުނަމާދަށް ގިނަ ބަޔަކު އާސަހަރާއަށް ދިޔަ އެވެ.

މަރުވެފައި ތިއްބާ ފެނުނު ދެމަފިރިންގެ މޫނު ބެލުމަށް އާސަހަރާ ބޭރުގައި ކިއު ހަދާފައި: މަރުވިތާ 24 ގަޑިއިރުފަހުން، މޫނު ދެއްކުން ހުޅުވާލިއިރު ވެސް ދެމަފިރިންގެ މޫނު ފެންނަނީ ރީތިކޮށް-- ސަން ފޮޓޯ
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެމަފިރިން ވަޅުލާފައި ވަނީ ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ކަމަށެވެ. މަރުގެ ސަބަބާ ބެހޭ ގޮތުން ވަކި އެއްޗެއް ފުލުހުން ހާމައެއްނުކުރެ އެވެ.
ދެމަފިރިންގެ މަރުގެ ހަގީގަތް ދެނެގަތުމަށް އައިޖީއެމްއެޗުން ޓެސްޓްތަކެއް ހެދިއެވެ. ނަމަވެސް ޕޯސްޓްމޯޓަމް ހަދާފައެއްނުވެ އެވެ.
ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ދެމަފިރިންގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތެވެ.

މަރުވެފައި ތިއްބާ ފެނުނު ދެމަފިރިންގެ ޖަނާޒާ: ކަށުނަމާދަށް ގިނަ ބަޔަކު އާސަހަރާއަށް ޖަމާވި-- ސަން ފޮޓޯ
ސަންގެ ނޫސްވެރިން އެ ދެމަފިރިންގެ މޫނު ބެލުމަށް ގޮސް ބެލިބެލުމުން ވެސް، އެ ދެމަފިރިންގެ މޫނުމަތިން އާދަޔާ ހިލާފު ކަމެއް ފާހަގަވެފައެއް ނުވެ އެވެ. މަރުވިތާ 24 ގަޑިއިރުވިޔަސް ދެމަފިރިންގެ މޫނު ފެންނަނީ ރީތިކޮށެވެ.
މަރުވި އިރު އެދެމަފިރިންގެ ގްރޭޑް އެކެއްގައި އުޅޭ އަންހެން ކުއްޖަކާއި ގްރޭޑް 10 ނިމިފައި ތިބި ދެ ފިރިހެން ކުދިން ތިއްބެވެ. ދޮށީ ފިރިހެން ދަރިފުޅު އުޅެނީ އައިލެންޑް އޭވިއޭޝަންގަ އެވެ. އެ ކުދިންގެ ކަންކަން އެ އާއިލާއިން ދަނީ ބަލަހައްޓަމުންނެވެ.
އެއްވަޅެއްގައި ވަޅުލި ދެމަފިރިންގެ މަހާނަ ޖެހިޖެހިގެން-- ސަން ފޮޓޯ