21 Jun 2011, 18:11
ހއ. ފިއްލަދޫ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވިޖާންގެ އިތުބާރު ނެތްކަމުގެ ވޯޓް އެ ކައުންސިލުން ނަގާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ މިއަދު ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށައަޅައިފި އެވެ.
ވިޖާން ވިދާޅުވީ އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓް ނެގި ބައްދަލުވުމުގައި، މަސްލަހަތު އޮތް ކަމަކަށް ވާތީ ްއޭނާ ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ.
އެހެންވެ އެ ދުވަހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ގަތީ ހަތަރު މެމްބަރުން ކަމަށާއި އެހެން ކަމުން ކަމެއް ފާސް ވާނީ ތިން މެމްބަރުންގެ ވޯޓް ލިބިގެން ކަމަށްވާ އިރު އެ ދުވަހު އިތުބާރު ނެތް ކަމަށް ވޯޓް ދިނީ ދެ މެމްބަރުން ކަމަށެވެ. އަދި ތާއީދު އޮތް ކަމަށް އެއް މެމްބަރަކު ވޯޓް ދެއްވި ކަމަށެވެ.
އެހެން ކަމުން ވޯޓް ދެ ފަރާތަށް ހަމަހަމަ ނުވާ ކަމަށާއި އެ ހާލަތުގައި ޖަލްސާގެ ރިޔާސަތުގައި އިންނެވި ކައުންސިލްގެ ނައިބު ރައީސަށް ބައިވެރިވެޑައި ނުގެންނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެބޭފުޅާ އެކުރެއްވީ ގަވާއިދާ ހިލާފު ކަމެއް. ރިޔާސަތުގައި އިންނަ މީހަކަށް ވޯޓް ދެވޭނީ ވޯޓް ހަމަހަމަ ވުމުން. އެ ދުވަހު ލިބުނީ އިތުބާރު ނެތްކަމަށް ތިން ވޯޓް އަދި އިތުބާރު އޮތް ކަމަށް އެއް ވޯޓް. އެހެން ވީމާ ވޯޓް ހަމަހަމައެއް ނުވޭ. އަޣުލަބިއްޔަތު ހޯދުމަށް[ރިއާސަތަކަށް] ވޯޓެއް ނުދެވޭނެ،" ވިޖާން ވިދާޅުވި އެވެ.
ވިޖާން ވިދާޅުވީ މިއަދު މައްސަލަ ހުށައެޅި ނަމަވެސް އަދި ކޯޓުން ވަކި ޖަވާބެއް ދެއްވާފައި ނުވާ ކަމަށެވެ. ނަމަވެސް ބުރާސްފަތި ދުވަހުން އެ މައްސަލައަށް ޖަވާބެއް ދެއްވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފިއްލަދޫގައި ބަޔަކު ބަކަރިތަކަކާ އެކު ޖިންސީ ގުޅުން ހިންގިކަމަށް ފެތުރުނު ހަބަރުތަކާ ގުޅިގެން އެ ރަށުގައި ތަހުގީގެއް ހިންގައި އެއީ ހިނގާފައިވާ ކަމެއްކަން ނުވަތަ ނޫންކަން އަދި ސާފުވެފައި ނުވާ އިރު ފިއްލަދޫ ކައުންސިލަށް މައްސަލައަކަށް ވެގެން އުޅެނީ އެ ހަބަރު ފެތުރި ރަށުގެ ނަން ހުތުރުވުމެވެ. އަދި އެކަމާ ގުޅިގެން ބަކަރިތައް ގެންގުޅުނު ދަނޑުވެރިޔާގެ ބަކަރިތައް ބަޔަކު މަރާލައި ގާތްގަނޑަކަށް 67000.ރގެ ގެއްލުމެއް ދީފައިވާ ކަމަށް ދަނޑުވެރިޔާ ބުނާ އިރު އެކަން ހިނގާފައި އެވަނީ ދަނޑުވެރިޔާ ދޮގުހެދުމުން ކަމަށް ބުނެ އެޖަރީމާ އަށް ތާއީދު ލިބޭ ފަދަ ގޮތަކަށް ފިއްލަދޫ ރަށު ކައުންސިލުން ބަޔާނެއް ވެސް ކުރިން ވަނީ ނެރެފަ އެވެ.