09 Jan 2017, 13:33
ބ. ކެންދޫ ފަޅުތެރޭގައި އަޅާފައި އޮތް ދެ ދޯންޏަކާއި ލޯންޗެއްގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ޓެރަރިޒަމް ދައުވާ އުފުލި އެ ރަށު މޯނިން ހައުސް އަބްދުއްސަލާމް ޔޫސުފާ ދެކޮޅަށް ދައުލަތުން 24 ހެއްކެއް ހުށަހަޅައިފި އެވެ.
އަބްދުއްސަލާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ 2015 އޭޕްރީލް 23 ވަނަ ދުވަހުގެ ރޭ އޭނާ ކެންދު މާހޯރަ ދޯނީގައި ރޯކޮށްލުމުން އަލިފާންގަނޑު ފެތުރެމުން ގޮސް ސަރަކަ ނަމަކަށް ކިޔާ ދޯންޏަކާއި ފެހިވިނަ ނަމަކަށް ކިޔާ ލޯންޗެއްގައި ރޯވެފައިވާ ކަމަށެވެ.
އެ މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް 24 ހެއްކެއް ހުށަހަޅާފަ އެވެ. ނަމަވެސް އޭނާގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ. ކުށް ސާބިތުވެއްޖެނަމަ އެ މާއްދާގެ ދަށުން 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލެވޭނެ އެވެ.
އަބްދުއްސަލާމް ޔޫސުފަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ބޭބެ އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްގެން އަބްދުއް ސަލާމް ބަންދާމެދު ގޮތެއް ނިންމަން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އއ. މާޅޮހު ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.