09 Jan 2017, 13:35
ހއ. ތުރާކުނުގެ ބޭރުން ފެނުނު މަސްބޯޓުން ހަތަރު މީހަކު ގެއްލިފައިވާ ކަމަށް ލަންކާގެ އަމްޕާރާ ޑިސްޓްރިކްޓުގެ މަޖިލިސް މެމްބަރު އަދި ޑެޕިއުޓީ ސްޕޯޓްސް މިނިސްޓަރު އެޗް އެމް އެމް ހަރީސް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ހަރީސް ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ގެއްލުނު ބޯޓުގައި ތިބި ހަ މީހުންގެ ތެރެއިން ދެ މަސްވެރިން މިހާރު ތިބީ ރާއްޖޭގައި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެ މީހުން އަނބުރާ ލަންކާއަށް ގެންދިޔުމުގެ ކަންތައްތައް ހަމަޖެއްސުމަށް މިނިސްޓަރު ހަރީސް ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ލަންކާގެ ނޫހަކުން ބުނެ އެވެ.
ލަންކާގެ އޮލުވިލް ހާބަރު ކައިރިން ގެއްލުނު ބޯޓުގައި ތިބި ބާކީ ހަތަރު މީހުން ހޯދުމުގައި ރާއްޖޭގެ ސަލާމަތީ ފައުޖުތަކުގެ އެހީ ހޯދާނެ ކަމަށް މިނިސްޓަރު ހަރީސް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
އެ މަސްވެރިން ނިސްބަތް ވަނީ އަމްޕާރާ ޑިސްޓްރިކްޓުގެ ކަލްމުނައި ސިޓީއަށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ މެންދަމު 3:45 ހާއިރު ހއ. ތުރާކުނުން 30 މޭލު ބޭރުން ރާއްޖޭގެ "ކަނޑު ރޯދި" ނަމަކަށް ކިޔާ ދޯންޏަކަށް ފެނުނު 25 ފޫޓުގެ، މަސްވެރިކަމަށް ބޭނުން ކުރާ ބޯޓުގައި ތިބި ދެ މީހުން މިހާރު ވަނީ ދިއްދުއަށް ގެންގޮސްފަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ހޮނިހިރު ދުވަހު ވިދާޅުވެފަ އެވެ.
ދެ މީހުންގެ ވެސް ހާލު ރަނގަޅު ކަމަށާއި އެމީހުން ފުރުވާލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.