09 Jan 2017, 11:03
މ. ލައިޓް ސިގްނަލް ގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި ތިއްބައި އިއްޔެ ފެނުނު ދެމަފިރިން މިއަދު މެންދުރު ނަމާދަށް ފަހު ވަޅުލަން ނިންމާފައިވާ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.
އެ ދެމަފިރިންގެ ކަށުނަމާދު އޮންނާނީ މެންދުރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.
އެ ދެމަފިރިން ބާއްވާފައި އޮތީ، މޯޗަރީގަ އެވެ. އެއީ ފުލުހުން ބަލަމުން އަންނަ މައްސަލަތައް ނިމެންދެކަށެވެ. ފުލުހުން ބުނީ އެދެމަފިރިން ވަޅުލިޔަސް ތަހުގީގުތައް ކުރިއަށްދާ ކަމަށެވެ.
އެ ދެމަފިރިންގެ ހަށިގަނޑު ރޭ އައިޖީއެމްއެޗަށް ގެންގޮސް ސީޓީ ސްކޭނެއް ހަދައި އެކްސްރޭ ވެސް ވަނީ ނަގައިފަ އެވެ.
އުމުރުން 47 އަހަރުގެ ގާސިމް ޝާހިދާއި 42 އަހަރުގެ ރަޒީނާ އިބްރާހިމް އާދީއްތަ ވިލޭރޭ ނިދަން ވަން ގޮތަށް ހަބަރެއް ނުވުމުން އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ މެންދުރު އެވެ. އެ ދެމަފިރިން ދިރިއުޅުނީ އެ ދެމަފިރިންގެ ތިން ކުދިންނާ އެކު ގަ އެވެ.
އެ ދެމަފިރިން މަރުވީ ކީއްވެގެން ކަން އަދި ނޭނގެ އެވެ. ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.