މެންޗެސްޓަރ ޔުނައިޓެޑަށް 170 މެޗަށްވުރެ ގިނަ މެޗް ކުޅެދިން ސައުތު ކޮރެޔާގެ ތަރި ޕާކް ޖީ ސުންގް މެންޔުނައިޓެޑަށް ދެން މާގިނަ މަޗްތަކެއް ނުކުޅެވޭނެކަން ހާމަކޮށްފިއެވެ. ކުރިއަށްއޮތް ދެ ތިން އަހަރުތެރޭ އޭނާ ފެންނާނީ އެހެން ކްލަބަކުންކަމަށް ވެސް ޕާކް ހާމަކޮށްފައިވެ އެވެ.

އުމުރުން 30 އަހަރުވެފައިވާ ޕާކް މެންޗެސްޓާ ޔުނައިޓެޑްގައި މަޑުކުރި 6 އަހަރުގެތެރޭގައި އެޓީމަށް ޗެމްޕިއަންސް ލީގާއި ހަތަރު ޕްރެމިއާރ ލީގު ކާމިޔާބުކޮށްދިނުމުގައި އެހީތެރިވެދީފައިވ ެއެވެ. މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ޕާކްއަށް އަންނަ ސީޒަންގައި އެ ކުޅުން ދެއްކިދާނެ ކަމާމެދު ވެސް މިހާރުވަނީ ސުވާލު އުފެދިފައެވެ.

ސައުތު ކޮރެޔާގެ ޕާކްއާއި މެންޗެސްޓަރ ޔުނައިޓެޑާއި ދެމެދު ހެދިފައިވާ ކޮންޓްރެކްޓް 2011-2012 ސީޒަންގައި ހަމަވާއިރު ޕާކްއަށްވަނީ ސްޕެއިންގެ އެތްލެޓީކޯ މެޑްރިޑުންވެސް ހުށަހެޅުންތައް އައިސްފަ އެވެ. އެހެންކަމުން އަންނަ ސީޒަން ނިންމާލުމަށްފަހު ޕާކް އެހެން ޓީމަކުން ފެނުމަކީ ވަރަށް ގާތް ކަމެކެވެ.
މެންޔޫ ދޫކޮށް ދާން ބޭނުންނުވިނަމަވެސް ރިޓަޔަވުމުގެ ކުރިން އެހެން ކްލަބަކަށް ކުޅޭނެކަން ޕާކްވަނީ ހާމަކޮށްފައެވެ.

"އަހަރެންނަށް އެއްއަހަރު ނޫނީ ދެއަހަރުފަހުން އަހަރެންގެ އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭނެ. އަހަރެންނަކަށް ނޭނގެ ކިހާ މުއްދަތެއް ވަންދެންހެން ދެން މެންޗެސްޓަރ ޔުނައިޓެޑްގައި މަޑުކުރެވޭނީ. އަހަރެން އަދި ރިޓަޔާކުރުމުގެ ޚިޔާލެއް ނުގެންގުޅުނެއްކަމަކު އަހަރެންގެ ފުޓްބޯޅަ ކެރިޔަރަކު ދެން މާގިނަ ދުވަސްތަކެއް ނެތްކަން އެނގޭ. ރިޓަޔާކުރުމުގެ ކުރިން އެހެން ޓީމަކުން ފެނިދާނެ." ޕާކް ބުންޏެވެ.