09 Jan 2017, 09:32
މަރުވެފައި އޮތް ދުވަސްވީ މީހަކު ހދ. ނޮޅިވަރަމްފަރު މޫދުން މިއަދު ފެނިއްޖެ އެވެ.
މަރުވެފައި އޮއްވައި ފެނިފައި ވަނީ އެ ރަށު 75 އަހަރުގެ މޫސާ އިބްރާހިމް އެވެ.
އެ ރަށު ކައުންސިލް ރައީސް އަހުމަދު ރިޔާޒު 'ސަން'އަށް ވިދާޅުވީ މޫސަ މަރުވެފައި އޮއްވައި ފެނުނީ އެ ރަށު ހުޅަނގު ފަރާތުގައި ލައްގާފައި އޮއްވައި ކަމަށެވެ.
ކައުންސިލް ރައީސް ރިޔާޒު ވިދާޅުވީ މޫސައަކީ ސިކުނޑީގައި އުނިކަމެއް ހުންނަ މީހެއް ކަމަށާއި އޭނާ ބަލަހައްޓާނެ މީހަކު ރަށުގައި ނުހުންނަ ކަމަށެވެ. އޭނާ ދިރިއުޅެނީ އެކަނި ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
"ދަރިން ތިބޭ، ހުރިހާ ކުދިން އުޅެނީ މާލޭގައި، އޭނާއަކީ ސިކުނޑީގައި މައްސަލަ ހުންނަ މީހެއް، ވަރަށް ގިނައިން މޫދަށް ދާން އުޅޭނެ،" ރިޔާޒު ވިދާޅުވި އެވެ.
މޫސަ މަރުވެފައި އޮށްވައިފެނުނު އަބްދުލް ކަރީމް އަބްދުލް ރަހުމާން ބުނީ ކުޅުދުއްފިން މީހަކު ގޮވައިގެން ޑިންގީގައި އޭނާއައިރު މޫސަ މަރުވެފައި އޮށްވައި ފެނުނީ ރަށު ފަޅުތެރެއިން ކަމަށެވެ.
މޫސަ ފެނުނުއިރު އޮތީ ހަމައެކަނި ޓީޝާޓެއް ލައިގެން ކަމަށާއި ފެންނަފެނުމަށް މަރުވެފައިއޮތްތާ ގިނަ އިރުތަކެއް ވެފައިވާކަމަށް ބެލެވޭކަމަށްވެސް ކަރީމް ބުންޏެވެ.
"ހަށިގަނޑުގެ ބޭރުން އަނިޔާއެއް ނުފެނޭ، ހީވާގޮތުން އެންމެ މަދުވެގެން ތިން ގަޑއިިރު ނުވަތަ ހަތަރު ގަޑިއިރު ވެފައި އެއޮތީ، މީހާގެ ހަރުކަށިކަންހުރިގޮތުން،" ކަރީމް ބުންޏެވެ.
މޫސަގެ ހަށިގަނޑު މިވަގޮތު އޮތީ އެރަށު ސިއްހީ މަރުކަޒުގަ އެވެ. ފުލުހުން އަންނަނީ އޭނާގެ މަރު، ތަހުގީގު ކުރަމުންނެވެ.