ދެހާސް ފަނަރަ ވަނަ އަހަރު ކޮމިއުނިސްޓު ފިކުރުގެ، ހައްދުފަހަނަ އެޅި ބަޔަކު ހައްޔަރުކުރުމަށް އިންޑިއާގެ ޗަތިސްގަރް ސްޓޭޓުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، އެ ސްޓޭޓުގެ ބައެއް އަންހެނުން ރޭޕުކުރި ކަމުގެ ތުހުމަތު އެ ގައުމުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ފުލުހުންނަށް ކޮށްފި އެވެ.

ޗަތިސްގަރުގެ ބިޖާޕޫރު އަވަށުގައި، ހައްދުފަހަނަ އެޅި ކޮމިއުނިސްޓުންތަކަކާ ދެކޮޅަށް 2015ގެ އޮކްޓޫބަރުގައި އިންޑިއާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބިޖާޕޫރުގެ ބައެއް އާންމު ރައްޔިތުންނަށް ފުލުހުން ހަމަލާދިން ކަމުގެ ޝަކުވާކޮށް، އިންދިއާގެ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލަ ހުށަހެޅި އެވެ.

އެ މައްސަލަ ބެލުމަށް ފަހު ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ފުލުހުން އެ އޮޕަރޭޝަން ހިންގި އިރު، ބިޖާޕޫރުގެ 16 އަންހެނަކަށް ޖިސްމާނީ އަދި ޖިންސީ އަނިޔާ ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން ރޭޕުކޮށްފައިވާކަން ހާމަވެފައިވާ ކަމަށެވެ.

"ޗަތިސްގަރުގެ ސަރުކާރުގެ ސަލާމަތީ ބާރުތަކުން ވަނީ އެމީހުންގެ އިންސާނީ ހައްގުތަކަށް ވަރަށް ބޮޑަށް އަރައިގެންފައި. މިކަމަށް ޗަތިސްގަރު ސްޓޭޓުގެ ސަރުކާރުން ޒިންމާވާން ޖެހޭ،" ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ، އެކޮމިޝަނުން މިވަގުތު ވެސް ދަނީ، އެ ދުވަސްވަރު ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު ކަމަށް ބުނާ 20 މީހެއްގެ ބަޔާން ނަގަމުން ކަމަށެވެ.

އިންޑިއާގެ މާއޯއިސްޓް ކޮމިއުނިސްޓް ޕާޓީގެ ހަރުކަށި ކޮމިއުނިސްޓް ފިކުރުގެ، ހަތިޔާރު އެޅި ބަޔަކު ހަރަކާތްތެރިވާ އިރު، އެ މީހުންނާއި އިންޑިއާގެ ސަރުކާރުތަކާ ދަނީ، 1967 ވަނަ އަހަރުން ފެށިގެން ކުރިމަތިލުންތައް ހިނގަމުންނެވެ.

"ރެޑް ކޮރިޑޯ"ގެ ނަމުން ނަން ދެވިފައިވާ، އިންޑިއާގެ ބޮޑު ސަރަހައްދެއްގައި މާއޯއިސްޓް ފިކުރުގެ ހަތިޔާރުއެޅި ގޮރިއްލާ ގްރޫޕުތައް އުޅެއެވެ. ރެޑް ކޮރިޑޯއަކީ އިންޑިއާގެ އަންދްރަ ޕްރަދޭޝުން ފަށައިގެން އިންޑިއާގެ އިރު އުތުރަށް، ނޭޕާލްއާ ހަމައަށް އޮންނަ ބޮޑު ސަރަހައްދެކެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީއާ ގާތްގަނޑަކަށް 1،200 ކިލޯ މީޓަރު ދުރުގައި އިރު ދެކުނުން އޮންނަ ޗަތިސްގަރުގައި މާއޯއިޒަމްއާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި އިންޑިއާ ފުލުހުން ރައްޔިތުންގެ ގެދޮރު ހަލާކުކޮށް ލޫޓުވި ކަމުގެ ރިޕޯޓުތައް މީޑިއާގައި ކޮށްފައިވާ އިރު، ގިނަ އަދަދެއްގެ އަންހެނުން ރޭޕުކުރި ކަމުގެ ޚަބަރުތައް އޭރު ވެސް ފެތުރުނެވެ.