21 Jun 2011, 17:16
ރާއްޖެ އިން ބޭރުގައި ދިވެހިންނާއި ބިދޭސީން ކައިވެނިކޮށްގެން މި އަހަރުގެ މިހާތަނަށް 41 ކައިވެންޏެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
ފެމިލީ ކޯޓުގެ އިސް އޮފިޝަލަކު އިއްޔެ ވިދާޅުވީ 41 ކައިވެންޏެއް ރަޖިސްޓްރީކުރުމަށް މިޖޫން މަހުގެ މިހާތަނަށް ހުށަހަޅާފައިވާ އިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި 85 ކައިވެންޏެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅި ކަމަށެވެ.
މީގެއިތުރުން މި އަހަރުގެ މިހާތަނަށް ހަ ބިދޭސީއެއްގެ ކައިވެނި ރާއްޖޭގެ ކޯޓުން ކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެމިލީ ކޯޓުން ބުނި ގޮތުގައި ދިވެހިންނާއި ރާއްޖޭން ބޭރުގައި އެންމެ ގިނައިން ކައިވެނިކުރަނީ ބަންގްލަދޭޝްގެ ފިރިހެނުން ކަމަށެވެ. އޭގެއިތުރުން އިންޑިއާ އަދި ތައިލެންޑުގެ އަންހެނުންވެސް ހިމެނޭ ކަމަށްވެސް އެކޯޓުން ބުންޏެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު މިހާރު އެއްލަކަށްއަށް ވުރެ އިތުރުވެފައިވާއިރު އޭގެތެރެއިން ގިނަ ބިދޭސީންތަކެއް ފިލައިގެން އުޅޭ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.