އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ވިޔަފާރީގެ މަރުކަޒީ ސަރަހައްދު، ކޮނޯޓް ޕްލޭސްގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ތިން މަސް ދުވަހަށް މަނާކުރަން ނިންމައިފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން، ކޮނޯޓް ޕްލޭސްގައި ހުރިހާ ޓްރެފިކެއް މުޅިން މަނާކުރެވޭނެއެވެ. މިއީ، ދިއްލީގެ ވައިގެ ނުސާފުކަމާއި ވައި ތަގައްޔަރުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، އިންޑިއާގެ ޔޫނިއަން ސަރުކާރުން ނިންމި ނިންމުމެކެވެ.

ކޮނޯޓް ޕްލޭސްއަކީ ކޮންމެ ދުވަހަކުވެސް އެތައް ހާސް ބަޔަކު ޒިޔާރަތްކުރާ ވިޔަފާރީގެ މަރުކަޒެކެވެ.

އިންޑިއާގެ ޔޫނިއަން އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން ނިންމާފައިވަނީ، 2017 ފެބްރުއަރީއިން ފެށިގެން ތިން މަސް ދުވަހަށް، ވެހިކަލްތަކަށް އެސަރަހައްދަށް ނުވަދެވޭ ގޮތަށް ހަދައި، އެސަރަހައްދު ޕެޑެސްޓްރިއަނައިޒް ކުރުމަށެވެ. މާނައަކީ، ކޮނޯޓް ޕްލޭސްއަށް ދާން ބޭނުންވާ ފަރާތްތަކުން ދެން ޖެހޭނީ އެމީހުންގެ އުޅަނދުތައް ވަކި ހިސާބެއްގައި ޕާކު ކުރުމަށްފަހު، ހިނގާފައި، ނުވަތަ ބަހުގައި، ނުވަތަ ބައިސްކަލުގައި ކޮނޯޓް ޕްލޭސްއަށް ދާށެވެ.

ޕެޑެސްޓްރިއަނައިޒް ކުރާ ސަރަހައްދުގައި ބައިސްކަލު ދުއްވޭނެ ކަމަށް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީގެ ޕްލޭނުގައި ވެއެވެ.

އިންޑިއާގެ ދިއްލީއަކީ ދުނިޔޭގައި އެންމެ ވައި ނުސާފު އެއް ސިޓީއެވެ.