ކައުންސިލް އިންތިޚާބު ފަސްވެގެން ދިޔުމަކީ އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ގެއްލޭނެ ސަބަބެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމްޖަދު ވިދާޅުވީ ކައުންސިލް އިންތިޚާބު ދެ މަހަށް ފަސްކުރީ ސިވިލް ކޯޓުން އެ ކޮމިޝަންގެ މައްޗަށް ކޮށްފައިވާ ހުކުމެއްގެ ސަބަބުން ކަމަށެވެ.

"ހުކުމެއް އައީމަ އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނީ އެ ހުކުމާ އެއްގޮތަށް. ހުކުމުގައި ބަޔާންކޮށްފައި އޮތް މުއްދަތު ފުރިހަމަކޮށް އިންތިޚާބު ބޭއްވުމަކީ އެއީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކަމެއް،" އަމްޖަދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ

މީގެކުރިން އެ ކޮމިޝަނުން ބާއްވާފައިވާ އިންތިޚާބުތަކެކޭ އެއްފަދައިން ކެންޑިޑޭޓުންގެ މަންދޫބުންނަށާއި އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވެ އިންތިޚާބު ކުރިއަށްދާގޮތް ބެލުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ބައިވެރިވުމަށް ބޭރުގެ ފަރާތްތަކަށް ދައުވަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އިންތިޚާބުގައި އެއްވެސް ދަތިކަމެއް އޮތްނަމަ އެ ކަމެއް ހައްލުކުރުމަށް އެ ކޮމިޝަނުން މަސައްކަތްކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.